އިރާންގެ އާ ރައީސަކަށް މައްސޫދު ޕެޒޭޝިއަން އިންތިހާބުވުމާ ގުޅިގެން އޭނާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޕެޒޭޝިއަންގެ ޒައާމަތުގައި ރާއްޖެ އާއި އިރާންގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އިރާނާއި މުޅި ސަރަހައްދުގައި ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމަށް ޕެޒޭޝިއަން ކުރައްވާ މަސައްކަތްތަކަށް ރައީސް ވަނީ ކާމިޔާބީ އަށް އެދިވަޑައިގެންފަ އެވެ.
Congratulations @drpezeshkian on your election as the President of the Islamic Republic of Iran. I look forward to working together to strengthen the relationship between the Maldives and Iran, and wish you success in your efforts to promote, peace and prosperity in the country…
— Dr Mohamed Muizzu (@MMuizzu) July 6, 2024
ޕެޒޭޝިއަން އިރާނުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ދެވަނަ ބުރުގައި ސައީދު ޖަލީލީ ބަލިކުރެއްވުމަށް ފަހު އެވެ. ތިރީސް މިލިއަނަށް ވުރެ ގިނަ މީހުން ވޯޓްލި އިންތިހާބު މައްސޫދު ކާމިޔާބުކުރެއްވީ ވޯޓްލީ މީހުންގެ 53.3 ޕަސެންޓް ވޯޓުންނެވެ. ޖަލީލީ އަށް ލިބިވަޑައިގަތީ 44.3 ޕަސެންޓް ވޯޓެވެ.
ޖުމްލަ ހަ ކެންޑުޑޭޓުންނާ އެކީ އިރާންގެ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވީ މިދިޔަ މަހުގެ 28 ގަ އެވެ. ދެވަނަ ބުރަކަށް ދާން ޖެހުނީ އިންތިހާބު ކާމިޔާބު ކުރެއްވޭ ވަރަށް އެއްވެސް ކެންޑިޑޭޓަށް ވޯޓް ހޯއްދެވިފައި ނުވާތީ އެވެ.
އިރާންގެ އަވަސް އިންތިހާބެއް ބާއްވަން މި ނިންމީ މެއި މަހުގެ 19 ގައި އެ ގައުމުގެ ރައީސް އިބްރާހީމް ރައީސީ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއެއްގައި އަވަހަރާވުމާ ގުޅިގެންނެވެ. އޭގެ ފަހުން ރައީސްގެ ޒިންމާތަކާ ހަވާލުވެވަޑައިގެން ހުންނެވީ ނައިބު ރައީސް މުހައްމަދު މުހްބަރު އެވެ.
އަމިއްލަ ގޮތުން ވާދަކުރައްވައި އިރާންގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތް މައްސޫދު، 69، އަކީ ކުރިން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ޚާތަމީގެ ވެރިކަމުގައި 2001-2005 އަށް ހެލްތު އެންޑް މެޑިކަލް އެޑިއުކޭޝަން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ސިޔާސީ ދާއިރާ އަށް ވެންނެވުމުގެ ކުރިން މައްސޫދަކީ ހިތުގެ އޮޕަރޭޝަން ޑޮކްޓަރެކެވެ.