Last Updated: September 8, 06:39
Sunday, September 8, 2024
ރިޕޯޓް

މަލާއިކަތުންގެ 8 މަސައްކަތެއް

1. މުއުމިނުންނަށް ފާފަފުއްސަވައި ދެއްވުމަށް އެދުން

ﷲ تعالى ވަޙީކުރެއްވިއެވެ.
وَالْمَلَائِكَةُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيَسْتَغْفِرُونَ لِمَن فِي الْأَرْضِ [1]
މާނަައީ: “އަދި މަލާއިކަތުން އެއުރެންގެ ރައްބަށް ޙަމްދުކޮށް، ތަޞްބީޙަ ވިދާޅުވެއެވެ. އަދި ބިންމަތީގައިވާ މީސްތަކުންނަށް ފާފަ ފުއްސެވުމަށް އެއުރެން ﷲ ގެ ޙަޟްރަތުގައި ދަންނަވައެވެ.”

2. ހުކުރު ނަމާދަށް ޙާޟިރުވާ މީހުން ބެލުން

ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.
إذا كان يوم الجمعة وقفت الملائكة على باب المسجد يكتبون الأول فالأول، فإذا خرج الإمام طووا صحفهم وجلسوا يستمعون الذكر [2]
މާނަައީ: “ހުކުރު ދުވަސްކަމުގައި ވާނަމަ މަލާއިކަތުން މިސްކިތުގެ ދޮރުމަތީގައި ތިއްބަވައެވެ. އަދި (ހުކުރު ނަމާދަށް އަންނަ މީހުންގެ) ފަހަރަކު މީހެއްގެ ނަން ތަރުތީބުން ލިޔުއްވައެވެ. ފަހެ އިމާމު މީހާ (ޚުޠުބާ ދިނުނަށް) ނިކުމެއްޖެނަމަ އެއުރެންގެ ފަތްފުށްތައް ލައްޕަވައި އިށީންދެވަޑައިގަންނަވައެވެ. އަދި ޛިކުރު (ޚުޠުބާ) އަޑުއައްސަވައެވެ.”

3. ރަސޫލާ ﷺ އަށް އެކަލޭގެފާނުގެ އުންމަތުގެ (މީހުންގެ) ސަލާމް ފޯރުކޮށް ދިނުން

ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.
إن لله ملائكة سياحين في الأرض يبلغوني عن أمتي السلام [3]
މާނަައީ: “ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގެ ފަރާތުން ތިމަންކަލޭގެފާނަށް ސަލާމް ފޯރުކޮށްދިނުމަށް ބިންމަތީގައި ހިންގަވާ މަލާއިކަތުން ﷲ އަށް ވެއެވެ.”

4. މުއުމިނުންނާއެކު ހަނގުރާމަ ކުރެއްވުން

الله تعالى ވަޙީކުރެއްވިއެވެ.
إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْدِفِينَ [4]
މާނަައީ: ތިޔަބައިމީހުން ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުގައި ނަޞްރާއި ސަލާމަތަށް އެދި ދުޢާ ދެންނެވިހިނދުން، އެއިލާހު ތިޔަބައިމީހުންނަށް ދުޢާ އިޖާބަކުރެއްވިއެވެ. (އެއިލާހު ވަޙީކުރެއްވިއެވެ.) އެއްބޭކަލަކަށްފަހު އަނެއް ބޭކަލަކު ވިދިވިދިގެން ވަޑައިގަންނަވާނޭ އެއްހާސް މަލާއިކަތް ބޭކަލުން ތިޔަބައިމީހުންނަށް އެހީވުމަށް ފޮނުއްވައިގެން މަދަދު ކުރައްވާހުށީމެވެ.”

އަދިވެސް އެއިލާހު سبحانه وتعالى ވަޙީކުރެއްވިއެވެ.
إِذْ يُوحِي رَبُّكَ إِلَى الْمَلَائِكَةِ أَنِّي مَعَكُمْ فَثَبِّتُوا الَّذِينَ آمَنُوا [5]
މާނަައީ: އަދި ކަލޭގެފާނުންގެ ރައްބު މަލާއިކަތުންނަށް ވަޙީކުރެއްވިހިނދު ހަނދުމަފުޅުކުރައްވާށެވެ! ތިމަންއިލާހު ތިޔަބޭކަލުންނާއިއެކު ވޮޑިގެންވަމެވެ. ފަހެ އިމާންވެގެންވާ މީސްތަކުން ޘާބިތުކުރައްވާށެވެ!”

5. ހެޔޮލަފާ ޞާލިޙުންގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުން

ސަޢްދު ބުން މުޢާޛު رضي الله عنه އާއި ބެހޭގޮތުން ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.
هذا الذي تَحَرَّكَ لهُ العرْشُ، وفُتِحَتْ لهُ أبوابُ السماءِ، وشهِدَهُ سبْعونَ ألْفًا من الملائِكةِ [6]
މާނައީ: “އެބޭކަލަކަށްޓަކައި ޢަރުޝިކޮޅު ގުޑައިގެން ދިޔަ ބޭކަލަކީ މިއީއެވެ. އަދި އެކަލޭގެފާނަށްޓަކައި އުޑުގެ ދޮރުކޮޅުތައް ހުޅުވިގން ދިޔައެވެ. އަދި އެކަލޭގެފާނުގެ ޖަނާޒާގައި ހަތްދިހަ ހާސް މަލާއިކަތްބޭކަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.”

6. މުއުމިނުންގެ ދުޢާއަށް އާމީން ވިދާޅުވުން

ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.
دَعْوَةُ المَرْءِ المُسْلِمِ لأَخِيهِ بظَهْرِ الغَيْبِ مُسْتَجَابَةٌ، عِنْدَ رَأْسِهِ مَلَكٌ مُوَكَّلٌ كُلَّما دَعَا لأَخِيهِ بخَيْرٍ، قالَ المَلَكُ المُوَكَّلُ بهِ: آمِينَ وَلَكَ بمِثْلٍ [7]
މާނައީ: “މުސްލިމު އަޅާ އޭނާގެ އަޚާ ނެތްތަނުގައި ކޮށްދޭ ދުޢާ އަކީ އިޖާބަވެގެންވާ ދުޢާއެކެވެ. އޭނާގެ ބޮލުގެ ކައިރީ މަލާއިކަތަކު ހުންނަވައެވެ. އަދި އޭނާގެ އަޚާއަށް ހެޔޮކަމަށް ދުޢާ ކޮށްދޭ ކޮންމެ ފަހަރަކު، އެކަމާއި ހަވާލުކުރެވިގެންވާ މަލާއިކަތާ ވިދާޅުވެއެވެ. އާމީން އެވެ. އަދި ތިބާއަށްވެސް މެއެވެ.”

7. ޛިކުރާއި ޢިލްމުގެ މަޖްލިސްތައް މަލާއިކަތުންގެ ފިޔަފުޅުތަކުން ވަށާލެއްވުން

ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.
إنَّ لِلَّهِ مَلائِكَةً .. يَطُوفُونَ في الطُّرُقِ يَلْتَمِسُونَ أهْلَ الذِّكْرِ، فإذا وجَدُوا قَوْمًا يَذْكُرُونَ اللَّهَ فَيَحُفُّونَهُمْ بأَجْنِحَتِهِمْ إلى السَّماءِ الدُّنْيا [8]
މާނައީ: “ހަމަކަށަވަރުން މަގުތަކުގައި, ޛިކުރުގެ އަހުލުން ހޯއްދަވަމުން ގެންދަވާ މަލާއިކަތުން ﷲ އަށް ވެއެވެ. ފަހެ އެބޭކަލުންނަށް ﷲ ހަނދުމަކުރާ ބަޔަކު ފެނިއްޖެ ކަމުގައިވާނަމަ، އެބޭކަލުންގެ ފިޔަފުޅުތަކުން ދުނިޔޭގެ އުޑާއިހަމައަށް އެބަޔަކު ވަށާލައްވައެވެ.”

8. ދައްޖާލުގެ ކިބައިން މައްކާއާއި މަދީނާ ހިމާޔަތްކުރުން

ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.
ليسَ مِن بَلَدٍ إلَّا سَيَطَؤُهُ الدَّجَّالُ، إلَّا مَكَّةَ والمَدِينَةَ؛ ليسَ له مِن نِقَابِهَا نَقْبٌ إلَّا عليه المَلَائِكَةُ صَافِّينَ يَحْرُسُونَهَا [9]
މާނައީ: “މައްކާ އަދި މަދީނާ ފިޔަވައި ދައްޖާލު ނުވަންނާނެ އެއްވެސް ރަށެއް ނުވެއެވެ. އެތަނުގައި ފާރަވެރިވެ މަލާއިކަތުން ޞަފުތަކަށް ނުތިއްބަވާ އެއްވެސް ފަރުބަދައެއް ނުވެއެވެ.”

ނޯޓް: އިލްމު.އެމްވީ