Last Updated: November 29, 05:56
Friday, November 29, 2024
ޚަބަރު

ގައުމު އިސްލާހުކުރަން އެންމެން އެކަތިގަނޑަކަށް ވާންޖެހޭ

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ގައުމުގެ ކަންކަން އިސްލާހުކުރަން އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ ހިޖުރީ އައު އަހަރެއްގައި، ދިވެހި ރައްޔިތުން އެއްބައިވަންތަވެ، މިއަދު އައު ކުރަންވީ އެއް ޢަޒުމަކީ، ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުން ކަމަށެވެ. ވޭތުވެ މިދިޔަ އެތައް އަހަރަކު އަޅައިނުލެވި ދޫކޮށްލާފައި ހުރުމުގެ ސަބަބުން، ދިވެހި ފަސްގަނޑުގައި، ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް އެތައް ބިދޭސީއަކު ދަނީ ދިރިއުޅެމުން ކަމަށާއި މަސްތުވާތަކެއްޗާއި، ގޭންގު ކުށްތައް ފަދަ ކަންކަން ހުއްޓުވައި، މީހުންނަށް ހެޔޮ ވިސްނައިދިނުމުގައި މުޖްތަމަޢު އިހުމާލުވެފައިވާއިރު، ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމާއި ޚަރަދުބަރަދު ކުޑަކުރުން ފަދަ އާދަތަކަށް އަހުލުވެރިވުން ކުޑަވެފައިވާ ކަމަށެވެ.

މާނަވީ ގޮތުން ބަލާއިރު، ހިޖުރަކުރުމުގެ މާނައަކީވެސް އިންސާނާ ހުރި ޙާލަތުން، އެއަށްވުރެ ރަނގަޅު ހެޔޮ ގޮތްތަކަކަށް ރުޖޫޢަވުން ކަމަށާއި އައު އަހަރާއެކު ޢަޒްމަކަށް ވާންވީ، ރާއްޖޭގެ މާދަމާގެ ސަލާމަތާއި، ފުދުންތެރިކަމާއި، ތަމައްދުނަށްޓަކައި ސަރުކާރުން ފަށާފައިވާ އިޞްލާޙީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުން ދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހިޖްރީ ސަނަތުން 1446 ވަނަ އަހަރާ ބައްދަލުކުރާއިރު، މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ފަލަޞްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމައިގެ ނާމާން ޙާލަތު ކަމަށެވެ. މުޅި އުންމަތަށް ކުރިމަތިވެފައިވާ މިފަދަ ހުރިހާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، "މިއީ އެއް އުންމަތެއްކަމުގައި" ކީރިތި ޤުރްއާނުގައި ދެއްވާފައިވާ މަތިވެރި އިރުޝާދު ނަގަހައްޓައި، މުސްލިމުންގެ މެދުގައި އޮތް އެހީތެރިކަމާއި، އެއްބާރުލުމާއި، ގުޅުންތައް ވަރުގަދަކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

އިސްލާމީ އުންމަތުގެ ޙައްޤުގައި އަޑުއުފުލުމަށް އިސްނަގާ، އަދި އުންމަތުގެ ކުރިއެރުމަށްޓަކައި ޖޯޝާއެކު މަދަދުދޭ ބަޔެއްގެ ގޮތުގައި ދިވެހީން އަބަދުވެސް ދެމިތިބޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.