Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ކަރަންޓް ކޭބަލުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކޭބަލްތައް ވަގަށް ނެގުމާ ގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުނެވެ.

ނަމަވެސް އާ ކޭބަލެއް އަޅައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ތަންތަނަށް ސްޓެލްކޯ އިން ވަނީ ފަހުން ކަރަންޓު ދީފަ އެވެ.

ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގެ ކަރަންޓް ކޭބަލްތައް ބުރިކޮށްގެން ވަގަށް ނެގުމާއި ގެއްލުން ދިނުން ފަދަ ކަންކަން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. މިފަދަ ހާދިސާއެއްގައި ދާދި ފަހުން ހުޅުމާލެ އިން މީހަކު މަރުވެސް ވެފައިވެ އެވެ.