Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

އައްޑޫ މަސްވެރިންގެ މުޒާހަރާގެ ގެއްލުމުގެ ވާހަކަ އޭއެފްސީން

އޭއެފްސީގައި މަސްވެރިން ކުރި މުޒާހަރާގެ ތެރެއިން. ފޮޓޯ/ އިބްރާހީމް ޒުހުރީ

އައްޑޫ މަސްވެރިން ކުރި މުޒާހަރާގެ ސަބަބުން ހުޅުމީދޫގައި ހިންގަމުން އަންނަ މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ގެ މުވައްޒަފުންނަށް ކުރިމަތިލާން ޖެހުނު ކަންކަމުގެ ވާހަކަ ވީޑިއޯއަކުން ގެނެސްދީފި އެވެ.

އެ ވީޑިއޯގައި އެތަނުގެ މެނޭޖްމަންޓްގެ ބައެއް މީހުންނާއި ތަނުގެ އާދައިގެ މުވައްޒަފުންނަށް ކުރިމަތިލާން ޖެހުނު ކަންކަމުގެ ވާހަކަ އެ މީހުން ހިއްސާކޮށްފައިވެ އެވެ.

ކިރުވި މަހަށް ފައިސާ ލިބުން ލަސްވެގެން އައްޑޫ މަސްވެރިން މުޒާހަރާކުރީ މިދިޔަ މަހުގެ 21 އިން މި މަހުގެ 1 އާ ހަމައަށެވެ. އޭއެފްސީގެ އޮޕަރޭޝަން ވެސް ހުއްޓުމަކަށް އައި މުޒާހަރާ 10 ދުވަސް ފަހުން މަސްވެރިން ހުއްޓައިލީ ފައިސާ ދިނުމާ ގުޅިގެންނެވެ.

މުޒާހަރާގެ މުއްދަތުގެ ތެރޭގައި އޭއެފްސީގެ މުވައްޒަފުން އުފުލަން ޖެހުނު ތަކުލީފާއި ލިބުނު ގެއްލުންތަކުގެ ވާހަކަ ވީޑިއޯއަކުން ގެނެސްދިން އިރު، މިފްކޯ އިން ވަނީ މުޒާހަރާގެ މުއްދަތުގެ ތެރޭގައި ލިބުނު ގެއްލުންތަކާ ގުޅޭ އެސެސްމަންޓެއް ވެސް ހަދަން ނިންމައިފަ އެވެ. މަސްވެރިން މުޒާހަރާ ހުއްޓާލުމާ ގުޅިގެން މިފްކޯ އިން ނެރުނު ބަޔާނެއްގައި އޭއެފްސީގެ މުވައްޒަފުން އެ ހާލަތާ ގުޅިގެން އަމަލު ކުރި ގޮތަށް ހިތްވަރާއި ސާބަސްދީ، މުވައްޒަފުން މަސްވެރިކަމުގެ ސިނާއަތަކަށް ލާމަސީލު ނަމޫނާއެއް ދައްކުވައި ދީފައިވާ ކަމަށް ބުނެފައިވެ އެވެ.