ކުށް ސާބިތުވެ ޖަލަށް ހުކުމް ކުރާ މީހުން، އެމީހުންގެ އިސްތިއުނާފު މަރުހަލާގައި ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވޭނެ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކްއެވެ. މި ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ޖިނާއީ ކުށެއް ސާބިތުވާކަމަށް ހުކުމް ކޮށްފައިވާ މީހަކު ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި ހުށަހަޅާ ހާލަތުގައި، ކަފާލާތުގެ ގޮތުގައި ފައިސާ ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލުމަށް ފަނޑިޔާރު ކަނޑައެޅުމުގައި ރިއާޔަތްކުރާނެ ކަންކަން ބަޔާން ކޮށްފައެވެ. އެގޮތުން އޭނާ ކުރި ކުށުގެ ބާވަތާއި، ކުށުގެ ކުޑަބޮޑުމިނާއި، ކުށް ކޮށްފައިވާ ހާލަތާއި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަމަށް ރިއާޔަތްކުރަންވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ. މީގެއިތުރުން އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ، އޭނާގެ ކުށުގެ ރެކޯޑް، އޭނާ ހުށަހަޅާފައިވާ އިސްތިއުނާފަކީ އެކަށީގެންވާ އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހަޅައި، ކާމިޔާބުކުރެވޭނެ ކަމުގެ އެކަށީގެންވާ ފުރުސަތެއް އޮތް އިސްތިއުނާފެއްކަމާމެދު ވެސް ރިއާޔަތް ކުރަންވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބުގެ ކުޑަބޮޑުމިނާއި، އޭނާ ފިލައިފާނެކަމަށް ބެލެވޭ މިންވަރަށްވެސް ފަނޑިޔާރު ރިއާޔަތް ކުރަންވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.
މީގެއިތުރުން މި އިސްލާހުގައި ވަނީ މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށްފަހު އަދަބު ކަނޑައަޅަންދެން ކަފާލާތުގެ ދަށުން ދޫކުރެވިދާނެ ހާލަތްތައްވެސް ބަޔާން ކޮށްފައެވެ.
މި އިސްލާހުގައި ބުނެފައިވަނީ ކުށުގެ ތުހުމަތުގައިވާ މީހަކު ކަފާލާތުގެ ދަށުން ދޫކުރުމަށް ނިންމައި އަމުރެއް ކުރުމާއެކުއެކީގައި، އެމީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކުރުމުގެ އިހްތިޔާރު، ނުވަތަ އެނޫންވެސް ގޮތަކަށް އޭނާ ރާއްޖެއިން ބޭރަށް ނުވަތަ އޭނާ އެވަގުތު ހުރި ރަށްނޫން އެހެން ރަށަކަށް ފުރައިގެން ދިއުން މަނާކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.
ސަރުކާރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ކަފާލާތުގެ އާންމު އުސޫލުތަކާއި ތަހުގީގު އަދި ޝަރީއަތުގެ މަރުހަލާގައި ކަފާލާތުގެ ދަށުން ދޫކުރުމާގުޅޭ އުސޫލުތަކަށް އިސްލާހު ހުށަހަޅާފައެވެ.