އިނގިރޭސިވިލާތުގައި ކުށްކުރާ މީހުން ވަރަށް ގިނަ ކަމަށާއި ޖަލުތައް މިހާރު ވެސް އޮތީ ތޮއްޖެހިފައިިކަމުން ކުށްތައް މަދުކުރަން ވަރަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް އާ ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވެއްޖެ އެވެ.
ސަރުކާރާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭއްވި ފުރަތަމަ ނޫސް ކޮންފަރެންސްގައި ލޭބާ ޕާޓީގެ ލީޑަރު ވިދާޅުވީ ކުށްކުރާ މީހުން އިތުރުވާ އިރު، އެވަރަށް ޖަލުތަކުގައި ޖާގައެއް ނެތް ކަމަށެވެ. އެހެންވެ މިކަމަށް އެކަށީގެންވާ ދާއިމީ ހައްލެއް ހޯދަން ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ ކުށް ކުރަން ހުއްޓުވަން ފިޔަވަޅުތަކެއް އެޅުން ކަމަށް ވިދާޅުވި އެވެ.
"ހާއްސަކޮށް ޒުވާނުން އެބަޖެހޭ ކުށުގެ ވެއްޓާ ދުރުކުރުން. މިސާލަކަށް ތޫނު އެއްޗެހިން ހަމަލާ ދިނުން ފަދަ ކަންކަމާ ދެކޮޅަށް އެބަޖެހޭ މަސައްކަތްތަކެއް ކުރަން،" ސްޓާމާ ވިދާޅުވި އެވެ. "އެހެންވީމަ މި ސަރުކާރުން މިކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ."
ބޮޑުވަޒީރު ވިދާޅުވީ މިއީ "އޯވަނައިޓަކުން" ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ ދުރު މުސްތަގުބަލަށް ވިސްނައިގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.
"ޖަލުގެ އާބާދީ ކުޑަކުރެވޭނެ ގޮތަކަށް އެބަޖެހޭ މައްސަލަތަކަށް ހައްލު ހޯދަން. މިހާރު ވެސް އަހަރެމެންގެ ޖަލުތައް އޮތީ ތޮއްޖެހިފައި، ކުށްވެރިން ގިނަވާ އިރު، އެ ވަރުގެ ޖަލު ކެޕޭސިޓީއެއް ނެތް،" ސްޓާމާ ވިދާޅުވި އެވެ. "އެކަމާ ގުޅޭ ސިޔާސަތުތަކެއް ވެސް ވަރަށް އަވަހަށް އިއުލާން ކުރާނަން."
ބޮޑުވަޒީރު ވިދާޅުވީ ޖަލުގައި ތިބެން ވާނީ އެންމެ ނުރައްކާތެރި ބޮޑެތި ކުށްވެރިން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންވެ އެގޮތަށް ޖަލުގެ ކަންކަން ބައްޓަންވުމަކީ ވަރަށް މުހިއްމި ކަމެއް ކަމަށް ވިދާޅުވި އެވެ.
ސްޓާމާ ވިދާޅުވީ ކުށްކުރާ މީހުން ތަކުރާރުކޮށް ކުށަށް އަރައުގަތުމަކީ ވެސް ބޮޑު މައްސަލައެއް ކަމަށެވެ. އެހެންވެ ކުށްވެރިން ރެހަބިލިޓޭޓްކުރަން މިހާރަށް ވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.