Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ކަރަންޓް ކޭބަލް ވަގަށްނެގި މީހާގެ ބަންދަށް 15 ދުވަސް

މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކެއް ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދު މުއްދަތު ޖަހައިފިއެވެ.

ކޭބަލްތައް ވަގަށް ނެގުމާ ގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓުވެސް ކަނޑުނެވެ. މި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން މިއަދު ބުނެފައިވަނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގެ ކަރަންޓް ކޭބަލްތައް ބުރިކޮށްގެން ވަގަށް ނެގުމާއި ގެއްލުން ދިނުން ފަދަ ކަންކަން ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މިފަދަ ހާދިސާއެއްގައި ދާދި ފަހުން ހުޅުމާލެ އިން މީހަކު މަރުވެސް ވެފައިވެއެވެ.