މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ހިދުމަތް ދެމުންދާކަން ކަށަވަރު ނުކޮށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ފައިސާ ހަރަދުކޮށްފައިވާކަން އެ ހޮސްޕިޓަލުގެ 2021 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ 2021 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓު އާންމު ކޮށްފައިވަނީ ޖުލައި 4 ވަނަ ދުވަހުއެވެ. މި އޮޑިޓްގައި ފާހަގަކުރެވުނު މައްސަލަތަކުގެ ގޮތުގައި ތިން ކަމެއް ފާހަގަކޮށްފައިވެއެވެ.
އެގޮތުން އެއްކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ހޮސްޕިޓަލުގެ ލޭންޑްސްކޭޕިންގ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން އެއްބަސްވުމާއި އެއްގޮތަށް ހިދުމަތް ދެމުންދާކަން ކަށަވަރު ނުކޮށް ފައިސާ ހަރަދުކޮށްފައިވާ މައްސަލައެވެ. އެއްވެސް އެކައުންޓަކުން ފައިސާއެއް ދައްކާނަމަ ތަކެއްޗާއި ހިދުމަތް ފުރިހަމައަށް ލިބިފައިވޭތޯ ބެލުމާއި، މަސައްކަތްތައް ނިމިފައިވޭތޯ ބަލަންވާނެކަމަށް ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ބަޔާން ކޮށްފައިވެއެވެ. އަދި ދައުލަތުގެ ތަންތަނުން ހަވާލުކުރާ މަސައްކަތްތަކާއި، ހޯދާ ހިދުމަތްތަކާއި، ގަންނަ ތަކެތި ބަލައިގަންނަންވާނީ އެގްރިމެންޓުގައިވާ ގޮތުގެމަތިން އެކަންތައްކޮށް ނިމުމުން ކަމަށްވެސް މާލިއްޔަތު ގަވައިދުގައި ބުނެފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ހޮސްޕިޓަލުގެ ގޯތިތެރޭގައި ހަދާފައިވާ ފެންގަނޑު ސާފުކުރުމަށް 2020 އޭޕްރިލް 4 ގައި 2 އަހަރުގެ މުއްދަތަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އޮޑިޓަރުން ބެލިއިރު 2022 ފެބްރުއަރީ 25 އިން 2022 މާރިޗް 31 ގެ ނިޔަލަށް ހޮސްޕިޓަލުގެ ގޯތިތެރޭގައި ހުރި ފެންގަނޑުތައް އެގްރިމެންޓާ އެއްގޮތަށް ސާފުކޮށްފައި ނުވާކަން ފާހަގަ ކޮށްފައިވެއެވެ. އެހެންކަމުން ފެބްރުއަރީ 2022 އިން މާރިޗް 2022 ގެ ނިޔަލަށް އޭއީއެޗްގެ ލޭންޑްސްކޭޕިން މަސައްކަތަށް ހަރަދުކޮށްފައިވާ 121،264 ރުފިޔާއަކީ ހަގީގަތުގައިވެސް އެއްބަސްވުމާއި އެއްގޮތަށް ހިދުމަތް ލިބުމަށްފަހު ހަރަދުކޮށްފައިވާ ފައިސާއެއްކަން ބެލެވޭކަށް ނެތްކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ 2021 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ވަނީ ހޮސްޕިޓަލް ފޮޅާސާފުކުރުމުގެ މަސައްކަތަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އަދަދަށް މުވައްޒަފުން ގެންގުޅެމުން ގޮސްފައި ނުވުމާއި މަސައްކަތް ސުޕަވައިޒް ކޮށްފައިވާކަން ލިޔުމުން އެނގެން ނެތުމުގެ މައްސަލަވެސް ފާހަގަކޮށްފައެވެ. އެގޮތުން ހޮސްޕިޓަލް ފޮޅާ ސާފުކުރުމަށް 2020 ޖަނަވަރީ 18 ގައި 2 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ކޮންމެ މަހަކު ހޮސްޕިޓަލުން 497،140 ރުފިޔާ ހަރަދު ކޮށްފައިވާކަން ފާހަގަ ކޮށްފައިވެއެވެ. އެހެންނަމަވެސް މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އަދަދަށް މުވައްޒަފުން ޑިއުޓީގައި ނުތިބޭކަން އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން އެއްބަސްވުމުގައި ދުވާލަކަށް ޖުމުލަ 47 މުވައްޒަފުން މަސައްކަތަށް ނެރުމަށް ބަޔާންކޮށްފައިވާ ވީނަމަވެސް، ދުވާލެއްގައި އެވްރެޖްކޮށް މަސައްކަތް ކޮށްފައިވަނީ 25 މުވައްޒަފުން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ހޮސްޕިޓަލު ފޮޅާ ސާފުކުރުމުގެ މަސައްކަތުގެ ދުވަހު ރިޕޯޓެއް ކޮންޓްރެކްޓަރު ހޮސްޕިޓަލަށް ހުށަހަޅަމުން ގޮސްފައިވީނަމަވެސް، އެ ރިޕޯޓުގައި މަސައްކަތުގައި ބައިވެރިވި މުވައްޒަފުންގެ އަދަދު ހިމަނާފައި ނުވާކަމާއި ހޮސްޕިޓަލްގެ ފަރާތުން އެ ރިޕޯޓުތައް ބަލައި ޗެކު ކުރަމުން ގޮސްފައި ނުވާކަމަށެވެ. އެހެންކަމުން އެއްބަސްވުމާއި އެއްގޮތަށް މުވައްޒަފުން ޑިއުޓީތަކުގައި މަސައްކަތްކުރަމުންދާކަން ހޮސްޕިޓަލަށް ކަށަވަރުކޮށްފައި ނުވާ ކަމަށާއި އެކަން ކަށަވަރު ކުރެވޭނެ އެއްވެސް ލިޔެކިޔުމެއް ހޮސްޕިޓަލުން ބަލަހައްޓާފައިނުވާތީ އެއްބަސްވުމާ އެއްގޮތަށް ސާފުކުރެވޭކަން ކަށަވަރުކުރެވެން ނެތްކަންވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން އޮޑިޓް ރިޕޯޓުގައިވަނީ އޭއީއެޗްއަށް ޕިކަޕެއް ހޯދުމަށްޓަކައި ކޮށްފައިވާ އިއުލާނުގައި ހިމަނާފައިވާ ސްޕެސިފިކޭޝަނަށް ނުފެތޭ ޕިކަޕެއް ހޯދާފައިވާ މައްސަލައެއްވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ހޮސްޕިޓަލުން ވަކި ކެޕޭސިޓީއެއްގެ އުޅަނދެއް ހޯދުމަށް އިއުލާނުކޮށް އެއަށްވުރެ ބޮޑު ކެޕޭސިޓީއެއްގެ އުޅަނދެއް ހޯދާފައިވުމުން އެފަދަ އުޅަނދެއް ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލި ބީލަމުގެ ވާދަވެރިކަން ގެއްލިފައިވާކަންވެސް ފާހަގަ ކޮށްފައިވެއެވެ.
އޮޑިޓުގައި ފާހަގަކުރެވުނު މައްސަލަތަކާއި ގުޅިގެން އޮޑިޓް އޮފީހުން ވަނީ، އެއްވެސް އެކައުންޓަކުން ފައިސާއެއް ދައްކާނަމަ ތަކެއްޗާއި ހިދުމަތް ފުރިހަމައަށް ލިބިފައިވޭތޯ ބެލުމާއި، މަސައްކަތްތައް ނިމިފައިވޭތޯ ކަށަވަރު ކުރުމަށް ލަފާދީފައެވެ. އަދި އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ފުރިހަމަ ނުކުރާނަމަ މަސައްކަތްކޮށްފައިވާ ގޮތުގެ ރިޕޯޓުގައި އެކަން ބަޔާންކުރުމަށްވެސް ލަފާ ދީފައިވެއެވެ. މީގެއިތުރުން ދައުލަތުގެ ތަންތަނުން ހަވާލުކުރާ މަސައްކަތަކާއި ހޯދާ ހިދުމަތްތަކާއި ގަންނަ ތަކެތި ބަލައިގަންނަންވާނީ އެގްރިމެންޓުގައިވާ ގޮތުގެ މަތިން އެކަންތައް ކޮށް ނިމުމުން ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.