ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހަރަދުތައް ކުޑަކޮށް ފައިދާވާ ކުންފުންޏަކަށް ހެދުމަށް ފިޔަވަޅުތަކެއް އަޅަން އެ ނިންމައިފި އެވެ.
ކުންފުނީގެ މުވައްޒަފުންނަށް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީލް ފޮނުއްވި މެމޯއެއްގައި ބުނީ މާލީ ގޮތުން ފައިދާވާ ކުންފުންޏަކަށް އެ ކުންފުނި ހެދުމަށް ހަރަދު ކުޑަކުރަން ނިންމާފައިވާ ކަމަށެވެ. އެހެންވެ ހަރަދު ކުޑަކުރުމަށްޓަކައި މެނޭޖުމަންޓުން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ހުރިހާ މުވައްޒަފުންގެ އެއްބާރުލުމާއި އެހީތެރިކަން ދޭން އެދިފައިވެ އެވެެ.
އާރްޑީސީގެ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އިތުރު ގަޑީގައި މަސައްކަތް ކުރަން ނުޖެހޭ ގޮތަށް މަސައްކަތް ރޭވުން ހިމެނެ އެވެ. އެ ގޮތުން އޮފީސް ރަސްމީކޮށް ބަންދުކުރުމަށް ކަނޑައެޅިފައިވާ ގަޑި ކަމަށްވާ ރޭގަނޑު 10:00 ގެ ކުރިން މަސައްކަތް ނިންމުމާއި އޭގެ ފަހުން ކޮންމެހެން ނިންމަންޖެހޭ މަސައްކަތެއް ކުރަންޖެހިއްޖެ ނަމަ އެ ދުވަހެއްގެ ރަސްމީ ގަޑި، ހަވީރު 4:00 ގެ ކުރިން އެ ޑިޕާޓްމެންޓެއްގެ ސީނިއާ މެނޭޖަރު، އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓުގެ ސީނިއާ މެނޭޖަރަށް އީމެއިލްކުރުން ޖެހޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް މެމޯގައިވެ އެވެ.
އަދި ދުރާލައި ހުއްދަ ނުހޯދައި އިތުރު ގަޑީގައި މަސައްކަތް ކުރިޔަސް އެކަމަށް ފައިސާ އެޕްރޫވް ނުކުރަން ވެސް ވަނީ އަންގައިފަ އެވެ. ހަރަދު ކުޑަކުރަން އެޅި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި މި ވަގުތަށް އޮފީހުގައި ކޮންމެހެން ކުރަން ޖެހޭ މަރާމާތުތައް ފިޔަވައި އިތުރު މަރާމާތު ނުކުރުން ހިމެނެ އެވެ. އަދި އޮފީހުގެ ބަޖެޓުން ހަރަދުކޮށްގެން ކުރަން ޖެހޭ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރަން ވެސް އަންގާފައިވެ އެވެ. އެ ކުންފުނިން ބުނީ އެފަދަ ދަތުރެއް ކުރަންޖެހިއްޖެ ނަމަ ވީހާވެސް ހަރަދު ކުޑަ ގޮތަކަށް ދަތުރުގެ ކަންކަން ރޭވުމަށް ނިންމާފައިވާ ކަމަށެވެ.
ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އާރްޑީސީން އެޅި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ފޯނާއި އިންޓަނެޓާއި ފެނާއި ކަރަންޓް އަދި އެ ނޫން ވެސް ހަރަދުތައް ކުޑަކުރުމަށާއި އޮފީހުގައި ކަރަންޓު ބޭނުންކުރާ ސާމާނު އެ ބޭނުންނުކުރާ ވަގުތުތަކުގައި ނިއްވާލާފައި ބަހައްޓަން ވެސް މުވައްޒަފުންގެ ސަމާލު ކަމަށް ގެނެސްފައި ވެ އެވެ.
މީގެ އިތުރުން ކޮންމެހެން ބާއްވަންޖެހޭ ހަފުލާއެއް ނޫނީ ނުބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.