ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށް ހާއްސަ ގާނޫނެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތަފާތު އެކި ކޮމިޝަންތައް ހެދި ނަމަވެސް ދައުލަތުން ގެއްލޭ ފައިސާ އަނބުރާ ހަޒާނާ އަށް ގެނެސް ނުދެވޭ ކަމަށާއި އެކަން ނިމުމަކަށް ގެނެސްދެއްވާނެ ކަމަށެވެ. އެގޮތުން އެސެޓް ރިކަވަރީއާ ގުޅޭ ހާއްސަ ގާނޫނެއް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި އެ ގާނޫނު ފާސްކުރަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
މިހާރު ހުރި ގާނޫނުތަކުން އެކަން އެންމެ އެދެވޭ ގޮތެއްގައި ނުކުރެވޭ ކަމަށާއި އަލަށް ތައާރަފްކުރާ ގާނޫނުގެ ދަށުން ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ވިއްކައި، ކުޑަ އަގުގައި ވިއްކައިގެން ފައިދާ ހޯދައި މިފަދަ ކަންކަން ކޮށްފައި ހުރި ފަރާތްތަކުގެ ކިބައިން އެ މުދާތައް ރިކަވާކޮށް، އެ ފައިސާ ރިކަވާކޮށް ރައްޔިތުންނަށް އެ ފައިސާއިން ފައިދާވާ ގޮތަށް ފައިސާ ހޯދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ރާއްޖެއިން ބޭރުގައި ރައްކާކޮށްފައި ހުރި ވަގު ފައިސާ ވެސް ހޯދަން ފަސޭހަވާނެ ގޮތަކަށް ގާނޫނު ތައްޔާރު ކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"އެއިރުން އިރާދަކުރެއްވިއްޔާ ހަމައެކަނި ރާއްޖޭގައި ވައްކަންކޮށްގެން ރައްކާކޮށްފައި ހުރި ފައިސާއެއް ނޫން ރާއްޖެއިން ބޭރަށް ގެންގޮސްފައި އެއްޗެއް ހުރިއްޔާ އެ ވެސް ހޯދުމުގައި މިހާރަށްވުރެ ފަސޭހަވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އެމްއެމްޕީއާރްސީގެ މައްސަލައަކީ އެންމެ ބޮޑު ކޮޕަރްޝަންގެ މައްސަލަ ކަމަށާއި އެ ވައްކަމުގައި ޝާމިލުވާ އެންމެންނަށް އިންސާފުވެރިކަމާ އެކީ އަދަބު ލިބެންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.