ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކޮށް ކުރިއަރުވަން ސަރުކާރުން ވަރަށް އިސްކަންދޭ ކަމަށާއި އަމާޒަކީ ރާއްޖޭގައި ސަރަޙައްދީ އިސްލާމީ މާލީ ހަބެއް ގާއިމު ކުރުން ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
ދިހަ ވަނަ މޯލްޑިވްސް އިސްލާމިކް ބޭންކިން އެންޑް ފިނޭންސް އިންޑަސްޓްރީ ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ސަރަޙައްދީ އިސްލާމީ މާލީ ހަބެއް ޤާއިމުކުރުމާ ގުޅޭ ގޮތުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އަހަރީ ޖަލްސާގައި މަޝްވަރާކުރައްވާފައިވާ ކަމަށާއި، އެކަމާ ގުޅޭ ގޮތުން މާލީ ފިނޭންސް މިނިސްޓްރީން ކަމާގުޅޭ ބޭންކުތަކާއި މުއައްސަސާތަކާ އެކީ ވެސް މަޝްވަރާ މަޝްވަރާ ކުރައްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރަހައްދީ އިސްލާމީ މާލީ ހަބަކަށް ރާއްޖެ ހެދުމަށް މޯލްޑިވްސް ސެންޓަ ފޮ އިސްލާމިކް ފައިނޭންސް (އެމްސިފް) ގެ އޮނިގަނޑު އަލުން އެކުލަވާލުމުގެ މަސައްކަތް ވެސް މިހާރު އޮތީ ފަށާފައި ކަމަށެވެ. އެގޮތުން އެމްސިފުން މި އަމާޒަށް ވާސިލުވާނެ ތަފްޞީލީ މަގުޗާޓެއް ވަނީ އެކުލަވާލައިފަ އެވެ.
އެ މަގުޗާޓުގެ ދަށުން ކުރާނެ ކަންކަމަކީ:
* އިސްލާމީ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އިންވެސްޓުމަންޓަށް މަގު ހުޅުވައިދިނުން
* އިސްލާމީ މާލީ ނިޒާމާއި ގުޅޭ ޤަވާޢިދުތަކާއި އުސޫލުތައް ޝާއިޢުކުރުން އަދި ޤާނޫނީ އޮނިގަނޑު އެކުލަވާލުން
* އިސްލާމީ މާލީ ނިޒާމަށް މީހުން އަހުލުވެރިކޮށް ނިޒާމާއި ގުޅޭ ތަޢުލީމު ފުޅާކުރުން
* ދިވެހިރާއްޖެއަށް އެތެރެކުރާ މުދަލުގެ ޙަލާލު ސާރޓިފިކޭޝަން އުސޫލެއް އެކުލަވާލައި ތަންފީޛުކުރުން
* އިސްލާމީ މާލީދާއިރާގެ މަސައްކަތްކުރާ ފަރާތަތަކަށް ޚާއްސަ ލައިސެންސިންގް ޕުރޮގުރާމެއް ތަޢާރަފު ކުރުން
* ޙަލާލު ޓުއަރިޒަމް ތަޢާރަފު ކުރުން
* ވަޤްފާއި ޒަކާތުގެ ނިޒާމު ތަރައްޤީކުރުން
މިނިސްޓަރގު ޝަފީގު ވިދާޅުވީ އެންމެން އެކީގައި މަސައްކަތްކޮށްފި ނަމަ، ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރައިގެ ންދާނެ ކަމުގެ ޔަގީންކަން ވެސް އޮތް ކަމަށެވެ.