މާލީ ހާލަތު ‘ވާނުވާ’ ގައި ބާއްވައިގެން ކުރިއެރުން ނުލިބޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ކައުންސިލް މެންބަރުންގެ އަދަދު މަދުކޮށް ލާމަރުކަޒީ ނިޒާމަށް ބޮޑު އިސްލާހެއް ގެނައުމުގެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
މިވާހަކަތަކާ ގުޅިގެން ފައްޔާޒް އެކްސްގައި ވިދާޅުވީ، ސިސްޓަމަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށެވެ. އަދި ކައުންސިލާއި މަޖިލިސްގެ އަދަދު މަދުކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދަން ޖެހޭ ކަމަށެވެ. ނަމަވެސް "ދެބޯގެރި ދުއްވުމުގެ ބަދަލުގައި" މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރުން މުހިންމު ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
"މާލިއްޔަތު ރަނގަޅު ކަމަށް ވަޒީރުން ވިދާޅުވާއިރު އާންމު ރައްޔިތުން ހިތި ބޭސް ބޯންޖެހޭ ވާހަކަ ދެއްކީމައި މާލިއްޔަތު އަދި އިގްތިސާދު ރަނގަޅަށް އޮތަސް ރައްޔިތުން އަދި އިންވެސްޓަރުންނާއި ފައިނޭންސަރުންގެ އިތުބާރު ގެއްލި ނުބައި ދިމާލަކަށް ގޮސްދާނެ. ގެންނަށް ހުށަހަޅާފައި ހުރި ބަދަލުތަކުގައި އިހްލާސްތެރިކަމެއް ހުރިކަމަކަށް ނުފެނޭ." ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ވިޔަފާރިތަކާއި ކިޔަވަން ބޭރުގައި ތިބި ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ދޭނެ ގޮތެއްގެ ވާހަކަ ސަރުކާރުން ހާމަކުރަން ޖެހޭ ކަމަށެވެ. އިތުބާރު ހޯދުމަށް ވައުދުވެފައިވާ ގޮތަށް ކަންކަން އަދި ހާލަތު އޮތްގޮތް މުޅިން ސާފުވާ ގޮތަށް ހާމަކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"ސިޔާސީ މުވައްޒަފުން ކިހާވަރެއްތޯ، ރައްރަށުގެ ކައުންސިލަރުން މަދުކުރުމުގެކުރިން ސިޔާސީ މުވައްޒަފުން ވައުދާއެއްގޮތަށް މަދުކުރޭތޯ، މިކަންކަން ހާމަކުރުމަކީ އެއްވެސް ވަރަކަށް އުނދަގޫކަމެއް ނޫން އަދި މިވަގުތުވެސް ސަރުކާރަށް އެނގެންޖެހޭ މައުލޫމާތު. ނޭނގޭނަމަ އެއީ އަދި މާ ކަންބޮޑުވާންޖެހޭ ކަމެއް." ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީ އިން ރައްޔިތުން ބަލައިގަންނާނެ ހަރުދަނާ ބަދަލުތަކަކަށް މަރުހަބާ ކިޔާނެ ކަމަށެވެ. އެހެންނަމަވެސް މާލީ ހާލަތު ‘ވާނުވާ’ ގައި ބާއްވައިގެން ގައުމަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް ކަމަށް ވިދާޅުވިއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ސައިޒު ކުޑަކުރަންޖެހޭ ކަމަށާއި ކައުންސިލްތައް ނުކަތާހާ ބޮޑު ކަމަށްވާއިރު، 300 މީހުން 500 މީހުން އަދި 1،000 މީހުން ދިރިއުޅޭ ރަށެއްގައި ކައުންސިލަރުންގެ ގޮތުގައި ފަސް މީހުން ނުވަތަ ހަތް މީހުން ހޮވުމަކީ ހަރަދު ބޮޑު ކަމެއް ކަމަށެވެ.
އާބާދީގެ ގޮތުން ކުދި ރަށްތަކުގައި ކައުންސިލްގެ ރައީސަކާއި ނާއިބު ރައީސެެއް ހުރުމުން ފުދޭނެ ކަމަށާއި އަދި އެއަށް ވުރެ އާބާދީ ބޮޑެތި ރަށްތަކާއި ސިޓީތަކަށް މިހާރު އޮތް އަދަދަށް ވުރެ މަދު އަދަދެއް ކަނޑައެޅުމުން ކައުންސިލްތަކުގެ ސައިޒު ކުޑަކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިއީ ރައްޔިތުންނަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށާއި އެކަން އެގޮތަށް ކުރުމަށް ގާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަން އެގޮތަށް ކުރުމުން ކޮންމެ އަހަރެއްގެ ބަޖެޓުގެ ތެރެއިން ހޭދަވާ ހޭދަވުމަށް ވެސް ރަނގަޅު ބަދަލުތަކެއް އައިސް އެ ފައިސާ ރައްޔިތުންގެ ހަގީގީ ތަރައްގީ އަށް ހޭދަކުރެވޭނެ ކަމަށެވެ. އަދި އަތޮޅު ކައުންސިލްތައް މިހާރު ހޮވާ ގޮތަކީ މާނައެއް ހުރި ގޮތެއް ނޫން ކަމަށާއި އެކަންވެސް ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ބަދަލު ކުރާނެ ކަމަށް ވިދާޅުވި އެވެ.