ސަރުކާރުގެ ސްކޮލަޝިޕްތަކާއި ސްޓޫޑަންޓު ލޯނުގެ ދަށުން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން (އައްދު) ގޮވާލައްވައިފި އެވެ.
ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫނުކުރާތީ އެކަމާ ގުޅިގެން އެމްޑީޕީން މިއަދު މަޖިލީޖަށް ހުށަހެޅި ކުއްލި މައްސަލަ ވެސް ބޭރުކޮށްފައިވާތީ އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި އަބްދުއްތަހުމާން ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުންގެ ފައިސާ ދޫކުރަން ގޮވައިލައްވާ ކަމަށެވެ.
"އަޅުގަނޑުމެން މި ދައްކަނީ އެތަށް ހާސް ކުދިންނެއްގެ ހައްގު އެކުލެވޭ ވަރަށް ހައްސާސް މައްސަލައެއްގެ ވާހަކަ. މިއަދު ޕީއެންސީ މެޖޯރިޓީ އޮތް މަޖިލީހަށް ހުށަހެޅުނު މި ކުއްލި މައްސަލަ ބޭރު ކޮއްލުމުން އަޅުގަނޑު ހިތާމަ ކުރަން،" އޭނަ ވިދާޅުވި އެެވެ. "ނަމަވެސް ސަރުކާރުގެ ސަމާލު ކަމަށް މިކަން އައިސްފައި ނުވާ ނަމަ މިކަން ސަރުކާރުގެ ސަމާލުކަމަށް އައިސް މިކަން ވީހާވެސް އަވަހަކަށް ހައްލު ކޮށްދެއްވާނެ ކަމަށް އަޅުގަނޑު އުންމީ ދުކުރަން."
އައްދު ވިދާޅުވީ ސަރުކާރުން ދޭ ސްކޮލަޝިޕްތަކާއި ސްޓޫޑެންޓް ލޯން ސިޔާސީ ނުކޮށް ހައްގު ވާ ދަރިވަރުންްނަށް ށް އިންސާފުވެރިކަމާ އެކީ އެ ފުރުސަތު ދޭން ވެސް ގޮވައިލައްވާ ކަމަށެވެ.
ދަރިވަރުންނަށް ފައިސާ ނުދޭ މައްސަލަ މިއަދު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ. އޭނަ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަންނަން ނިންމީ ސަރުކާރު ހިންގާ ޕިއެންސީގެ 59 މެންބަރުން ވޯޓުންނެވެ.