7 ގައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފިއެވެ.
މިއަދު ރައީސް މުއިއްޒުއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ ތުރުކީވިލާތުގެ އައު ސަފީރު، ލިތުއޭނިޔާގެ އައު ސަފީރު، އުރުދުންގެ އައު ސަފީރު، ޒެމްބިއާގެ އައު ސަފީރު، ރޫމޭނިއާގެ އައު ސަފީރު، ތައިލެންޑްގެ އައު ސަފީރު އަދި ކޮރެއާގެ އައު ސަފީރެވެ.
ތުރުކީވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަކީ ސެމީ ލުޓްފު ޓުރްގުޓް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ކުރިއަށްގެންދެވި މަޝްވަރާތަކުގައި ސަލާމަތީ ކަންކަމާ ގުޅޭދާއިރާއާއި ވިޔަފާރިއާ އިޤްތިޞާދު އަދި މަތީ ތައުލީމގެ ދާއިރާއިން އިތުރަށް ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ލިތުއޭނިޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަކީ ޑަޔަނާ މިކެވިޗިއެނޭ އެވެ. މިއީ ލިތުއޭނިޔާއިން ރާއްޖެއަށް ކަނޑައަޅުއްވި ފުރަތަމަ ސަފީރެވެ. ލިތުއޭނިޔާގެ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެއްކަމުން އެކަމަނާ ހުންނަވާނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ ގައެވެ.
އުރުދުންގެ ސަރުކާރުން ކަނޑައެޅި އައު ސަފީރަކީ ޑޮކްޓަރ މައެން ޚުރައިސަތުއެވެ. ޒެމްބިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އައު ސަފިރަކީ ޕަރސީ ޕެޓްސަން ޗަންދާ އެވެ. ދިވެހިރާއްޖެއާ ޒެމްބިއާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 1 ވަނަ ދުވަހުގައެވެ.
މީގެއިތުރުން ރޫމޭނިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަކީ ސްޓެލުޓާ އާރިހަޔަރއެވެ. އެކަމަނާއާއެކު ރައީސް މުއިއްޒު ކުރެއްވި މަޝްވަރާތަކުގައި މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމާއި ވިޔަފާރިއާއި ފަތުރުވެރިކަން ފުޅާކުރުމާއި ދެޤައުމަށް ފައިދާހުރި އެހެނިހެން ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.
ތައިލެންޑްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަކީ ޕައިޓޫން މަހާޕަންނާޕޮންއެވެ. އެބޭފުޅާއާއެކު ރައީސް މުއިއްޒު ކުރިއަށް ގެންދެވި މަޝްވަރާތަކުގައި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ސިއްހީ ދާއިރާ ފުޅާކުރުމާއި، ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ އިތުރުން އިންސާނީ ވަސީލަތާއި ޤާބިލުކަން އިތުރުކުރުން ހިމެނެއެވެ. އަދި ކޮރެއާ ސަރުކާރުން ކަނޑައެޅުއްވި އައު ސަފީރު މިޔޮންގ ލީ އާއެކު ކުރިއަށް ގެންދެވި މަޝްވަރާތަކުގައި ސިއްހީ ދާއިރާ ތަރައްޤީކުރުމާއި، ފަތުރުވެރިކަމާއި، އާންމު ސިއްހަތާއި ގުޅޭ ދާއިރާއިން ފަންނީ ޤާބިލުކަން ތަރައްޤީކުރުމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ.