Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

އިންޑިއާގެ ކްރިކެޓު ޓީމަށް ރާއްޖެ އިން ދައުވަތު

ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އިންޑިއާގެ ގައުމީ ކްރިކެޓު ޓީމުގެ ކާމިޔާބީ ފާހަގަކުރަން ރާއްޖެ އަންނަން ދައުވަތު ދީފި އެވެ.

މި ދައުވަތު ދިނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގުޅިގެންނެވެ.

އެމްއެމްޕީއާރުސީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ރާއްޖެއަކީ އިންޑިއާގެ ކްރިކެޓް ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެންމެ ފުރިހަމަ މަންޒިލެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ އިންޑިއާގެ ކްރިކެޓް ޓީމަށް މަރުހަބާ ކިޔައި، އެ ޓީމަށް ލިބުނު ކާމިޔާބީގެ އުފަލުގައި ބައިވެރިވުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި އިންޑިއާގެ ކްރިކެޓް ޓީމަށް ހޯސްޓް ކުރުމުގެ ފުރުސަތަކަށް ރާއްޖެއިން އިންތިޒާރު ކުރާ ކަމަށްވެސް ވިދާޅުވި އެވެ.

އިންޑިއާ އަކީ މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. ނަމަވެސް މި އަހަރު ފެށުނު ފަހުން އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިގޮތަށް ދިމާވުމުގެ އަސްލަކަށްވީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރަށް ކުޑައިމީސްކޮށް ވާހަކަތަކެއް ދެއްކުމާ ގުޅިގެންނެވެ.

މިކަމާ ވިދިގެން އިންޑިއާ މީހުން ޗުއްޓީ އަށް ރާއްޖެ ދިއުން ހުއްޓާލައި، އިންޑިއާގެ ދަށުގައި އޮންނަ ލަކްޗަޝަދީޕަށް ދާން ގޮވާލައި ކެމްޕޭންތަކެއްކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީން ބުނެފައި ވަނީ އިންޑިއާގެ ޓޫރިސްޓުން އިތުރު ކުރެވޭނެ ކަމަށާއި އެކަމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.