Last Updated: November 25, 22:26
Tuesday, November 26, 2024
ޚަބަރު

އެމްޑީޕީގެ މަގާމަކަށް މޫސަ އަށް ވާދައެއް ނުކުރެވޭނެ!

އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސް ކަމަށް ވާދަކުރަން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ހުަަށަހެޅުމުން އެ ފުރުސަތު އޭނަ އަށް ނުދޭން ނިންމިކަން އަންގައިފި އެވެ.

އޭނަ ވަނީ ކެންޑިޑެސީ ބަލައިނުގަންނަން ނިންމިކަން އެމްޑީޕީން އެންގި ލިޔުން ވެސް ސޯޝަލް މީޑިއާގައި ހިއްސާކުރައްވައިފަ އެވެ. އޭގައި ބުނެފައި އޮތީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީ އަށް ކުރިން ހުށަހެޅި މޫސަގެ މައްސަލައެއް ބެލުމަށް ފަހު، އެ ޕާޓީން އޭނާ ވަކިކުރުމަށް ނިންމި ނިންމުމުގައި، އަލުން އެ ޕާޓީ އަށް ވަދެވަޑައިގެންފި ނަމަ، އެ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވެސް ވާދަނުކުރެވޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.

އެެހެންވެ އަދިވެސް އެ ނިންމުމަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުން ނިންމާފައިވާތީ މޫސަގެ ކެންޑިޑެސީ ބަލައިގަނެވެން ނެތީ ކަމަށް ބުނެފައިވެ އެވެ. އެމްޑީޕީން މޫސައަށް ފޮނުވި ލިޔުމުގައިވެއެވެ.

އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީން މޫސަ އަށް އަންގާފައި އޮތީ ނޮވެމްބަރު 8 2022 އިން ފެށިގެން ފަސް އަހަރުގެ މުއްދަތަށް، އެ ޕާޓީގެ އެއްވެސް އިންތިޚާބެއްގައި އަދި ޕްރައިމަރީއެއްގައި ވެސް ބައިވެރި ނުވެވޭނެ ކަމަށެވެ.

އެހެންވެ އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް ކަމަށް އޭނާގެ ހުށަހެޅުއްވުން ގަބޫލު ނުކުރަން ނިންމީ އެވެ. ކަން ވެސް ވަނީ އަންގާފައެވެ.

މޫސަ އެމްޑީޕީން ވަކިކުރީ 2016 ގަ އެވެ. އަދި އޭނަ އަލުން އެ ޕާޓީއާ ގުޅިވަޑައިގަތީ ނޮވެމްބަރު 8 2022 ގަ އެވެ.

ކެންޑިޑޭސީ ބަލައި ނުގަންނަން އެމްޑީޕީން ނިމުމުން ކުރިން މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި މޫސަ ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕުން އޭނާ އަށް އެއްވެސް ކަމެއްގައި ބައިވެރިވުމުގެ ފުރުސަތު ނުދީ، މިވަރު ކުރަން ޖެހޭ ސަބަބު ނުވިސްނޭ ކަމަށެވެ.

“އެއްވެސް ކަމެއްގައި ބައިވެރިވުމުގެ ކުޑަވެސް ފުރުސަތެއް ނެތް. ދެހާސް ސާދައިގައި ޕާޓީން ކަނޑާލީ ވެސް ނަޝީދަށް ވެރިކަން ލިބުމުގައި ހުރަހަކަށް ވާތީކަން ޔަޤީން. މިހާރު ވެސް އެ ބިރު." މޫސަ ވިދާޅުވި އެވެ.

އެމްޑީޕީން އަޅާފައި އޮތް ފިޔަވަޅާ ހެދި މި އަހަރު ބޭއްވި މަޖިލީހުގެ އިންތިހާބުގައި މޫސަ އަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިފައިވެ އެވެ. ކުރީގެ މަޝްހޫރު ފިލްމީ ތަރި އަކީ ކުރިން މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާއި މި އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީ އަށް ކުރިމަތިލާން ޖެހުނު ބޮޑު ނާކާމިޔާބީ އަށް ފަހު މޫސަ ގެންދަވަނީ ޕާޓީގެ ލީޑަޝިޕަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.