Last Updated: October 18, 11:00
Friday, October 18, 2024
ރިޕޯޓް

ތަފްސީރު ޢިލްމުގެ މުޤައްދިމާ (ބާބު 3)

(ޖޫން 23 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ކީރިތި ޤުރުއާނުން ޤުރުއާން ތަފްސީރު ކުރުމަކީ ކީރިތި ޤުރުއާން ތަފްސީރުކުރުމުގެ އެންމެ އައުލާންކަން ބޮޑު މަންހަޖެވެ. ކީރިތި ޤުރުއާނުގެ އެއް ސޫރަތެއްގައި އިޖްމާލީ ގޮތެއްގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވާ ވާހަކައެއް އެހެން ސޫރަތެއްގައި ތަފްސީލީ ގޮތެއްގައި ބަޔާންވެފައި އޮވެދާނެއެވެ. އެއް ސޫރަތެއްގައި މުޠުލަޤުކޮށް އައިސްފައިވާ ޙުކުމެއް އެހެން ސޫރަތެއްގައި ޤައިދުވެފައި އޮވެދާނެއެވެ.

އެއް ސޫރަތެއްގައި ބަޔާންވެފައިވާ ޢާންމު ޙުކުމެއް އެހެން އާޔަތެއްގައި ޚާއްޞަވެފައި އޮވެދާނެއެވެ. އެއްއާޔަތެއްގައި ބަޔާންވެފައިވާ ޙުކުމެއް އެހެން އާޔަތަކުން މަންސޫޚު ވެފައިއޮވެދާނެއެވެ. އެއް އާޔަތެއްގެ މަފްހޫމް އެހެން އާޔަތަކުން އެނގިދާނެއެވެ. ޣަރީބު ލަފްޒެއްގެ މާނަ އާއި ތަފްސީލު އެހެން އާޔަތަކުން އެނގިދާނެއެވެ.

އެހެންކަމުން މިފަދައިން ޤުރުއާނުގެ އެކި ސޫރަތްތަކުގައި ބަޔާންވެފައިވާ ވާހަކަތަކާއި ޙުކުމްތައް ޖަމާކޮށް ފައިދާ ލިބިގެން ތަފްސީރުކުރުމަކީ ކީރިތި ޤުރުއާނުން ޤުރުއާން ތަފްސީރުކުރުމެވެ. މިމަންހަޖުން ކީރިތި ޤުރުއާން ތަފްސީރުކުރުން ނަބިއްޔާ ﷺ ވަނީ ދަސްކޮށްދެއްވާފައެވެ. އެގޮތުން ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތުގައިވާ "އަނިޔާވެރިކަމުގެ" މުރާދާއި މެދު ޞަޙާބީން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
{الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ أُولَٰئِكَ لَهُمُ الْأَمْنُ وَهُم مُّهْتَدُونَ} [الأنعام: 82]
މާނައީ: "އެއުރެންނަކީ، އީމާންވެތިބެ، އެއުރެންގެ އީމާންކަމުގެ ތެރެއަށް އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. އަމާންކަންހުރީ، އެއުރެންނަށެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ."

މިއާޔަތުގައިވާ އަނިޔާގެ މުރާދަކީ އަނިޔާގެ ޢާންމު މާނަކަމުގައި ޞަޙާބީބޭކަލުންނަށް ވިސްނިވަޑައިގެން އެކަމުގެ ކަންބޮޑުވުން ރަސޫލާގެ އަރިހުގައި ފާޅުކުރެއްވިއެވެ. ސަބަބަކީ އެފަދަ އަނިޔާތަކުން ސަލާމަތްވެފައިވާ މީހަކު މަދުންނޫނީ ނުހުންނާނެތީވެއެވެ. އެހިނދު ރަސޫލާ އަންނަނިވި އާޔަތުން އިސްވެދިޔަ އާޔަތް ތަފްސީރުކޮށްދެއްވިއެވެ: ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
{إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ} [لقمان: 13]
މާނައީ: "ހަމަކަށަވަރުން، ޝަރީކު ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ."

އަލްއަންޢާމު ސޫރަތުގެ އައްޑިހަ ދެވަނަ އާޔަތުގައިވާ އަނިޔާގެ މުރާދަކީ އަނިޔާގެ ޢާންމު މާނަތައް ނޫންކަމާއި، އަނިޔާގެ މުރާދަކީ ލުޤްމާން ސޫރަތުގެ ތޭރަވަނަ އާޔަތުގައިވާ ފަދައިން ޝިރުކުކުރުން ކަމުގައި އެކަލޭގެފާނު ތަފްސީރުކޮށްދެއްވިއެވެ. މިއީ ކީރިތި ޤުރުއާނުން ޤުރުއާން ތަފްސީރުކުރުމުގެ މިޘާލެކެވެ.

ސަލަފުންގެ ބޭކަލުންގެ ތެރެއިން ޢަބްދުއް ރަޙްމާން ބިން ޒައިދު ބިން އަސްލަމްގެފާނަކީ މިމަންހަޖުން ގުރުއާން ތަފްސީރު ކުރުމުގެ ގިނަ ރިވާޔަތްތައް އެބޭކަލެެއްގެ އަރިހުން ތަފްސީރު ތަބަރީގައި ވާރިދުވެފައިވާ ބޭކަލެކެވެ. އަދި އިމާމު އިބްނު ކަޘީރާއި، އަލްއަމީރު އައްޞަންޢާނީ އަކީވެސް މިމަންހަޖުން ޤުރުއާން ތަފްސީރުކުރެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވި ބޭކަލުންނެވެ.

މި މަންހަޖުން ކީރިތި ޤުރުއާން ތަފްސީރުކުރެވި ލިޔުއްވިފައިވާ ފޮތްތަކުގެ ތެރެއިން އެންމެ ރަނގަޅު އެއްފޮތަކީ އަލްއިމާމު އައްޝަންޤީތީ ލިޔުއްވާފައިވާ "އަޟްވާއުލް ބަޔާނި ފީ އީޟާޙިލް ޤުރްއާނީ ބިލްޤުރުއާނި" މި ފޮތެވެ. (ނުނިމޭ)

ނޯޓް: މިއީ ޝެއިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.