Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

އިސްރާފުތައް ހުއްޓާލުމުން ހަތަރު ބިލިއަން ސަލާމަތްވެއްޖެ

ކުރީގެ ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފު ކުރަމުން ހިންގި އެތައް ހަރަދެއް ހުއްޓާލުމުން ދައުލަތުގެ ބަޖެޓުން ހަތަރު ބިލިއަން ރުފިޔާ މިހާރުވެސް ސަލާމަތް ކުރެވިފައިވާ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށާ އެކޮމިޝަނުގެ "ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓައިޒް ޕްލެޓްފޯމް" ރަސްމީކޮށް އިފުތިތާޙްކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީ ހުއްޓި، ފުދުންތެރިކަން ގެއްލިގެން ނުދިނުމަށްޓަކާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައިވާ ކަމަށެވެ.

އެގޮތުން ދައުލަތުން ބަދަލު ދިނުމުގެ ނަމުގައި ބިލިއަނުން ފައިސާ ބަހަމުންދިޔަ ދިޔުން ހުއްޓުމަކަށް ގެނެސްފައިވާ ކަމަށާއި އަދި މަޝްރޫއަކަށް ހިންގަންޖެހޭ އަސްލު އަގަށް ވުރެ ތިން ގުނަ ބޮޑުކޮށް އަގު ދީގެން ދައުލަތުގެ މާލިއްޔާ އިން ކުރަމުންދިޔަ ބޮޑު ހޭދަވެސް ރައީސް މުއިއްޒު ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.

"އެކި ނަން ނަމުގައި ރައްޔިތުންގެ ފައިސާ އިސްރާފުކުރަމުން ހިންގި އެތައް ކަމެއް ސުމަކަށް ހައްދަވާފައި، އޭގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ބަޖެޓުން 4 ވަރަކަށް ބިލިއަން ރުފިޔާ މިހާރުވެސް ވަނީ ސަލާމަތް ކޮށްދެއްވާފައި،" ނައިބު ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މަޤާމުގެ ހުވައިކުރައްވައި ދެއްވި ފުރަތަމަ ރިޔާސީ ތަޤްރީރުގައި، މިދިޔަ އަހަރުގެ ނޮވެންބަރު މަހު 17 ވަނަ ދުވަހު ރައްޔިތުންނަށް ދެއްވި އެންމެ ބޮޑު އެއް ޔަގީންކަމަކީ އެދުވަހުން ފެށިގެން ސަރުކާރުން ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުން މުޅީން ހުއްޓުނީކަން ފާހަގަކުރައްވައި މިއީ ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރެއްވުމަށް އެމަނިކުފާނު އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވަނީ ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތަކަށް ތަޙްޤީޤްކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އިސްކަންދެއްވާ ފަދައިން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތަށާއި އަދި ޚާއްސަކޮށް ސްކޫލު ކުދިންނަށް އަމާޒުކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށް އިސްކަން ދިނުމަށް އެދިވަޑައިގެންފަ އެވެ.