Last Updated: November 24, 09:26
Sunday, November 24, 2024
ރިޕޯޓް

ބިދޭސީ ވިޔަފާރިތައް ހުއްޓުވުން, މުހިއްމު ފިޔަވަޅެއް!

އިގްތިސާދީ ބޮޑު ކާރިސާއަކަށް ރާއްޖެ މިސްރާބު ޖަހާފައިވާ އިރު މިވަގުތަކީ އިގްތިސާދުގައި ހުރި ބޮޑެތި ލޯވަޅުތައް ބަންދުކޮށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ވަގުތެވެ. އެގޮތުން ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ވިޔަފާރިތައް ހުއްޓުވައި އެފައިސާ ދިވެހި އިގްތިސާދުގައި މަޑު ޖެއްސުމަކީ މިވަގުތު ވަރަށް މުހިއްމު ކަމެކެވެ.

ގަވާއިދާއި ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ހޯދައި އެފަރާްތްތައް ޑީޕޯޓުކުރުމަށް މިހާރު އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތަކީ ހެޔޮ ނިޔަތުގައި ކުރެވިއްޖެނަމަ ބޮޑު އަދަދަކުން ގައުމުގެ އިގްތިސާދަށް ފައިދާ ކުރާނެކަމެކެވެ.

މާލެ އާއި އަތޮޅުތަކުގައި މިހާރު ބިދޭސީންގެ ވިޔަފާރީގެ ބޮޑެތި ނެޓްވޯކުތައް ވަނީ އަޅާފައެވެ. ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ އިތުރުން އިމްޕޯޓު ވިޔަފާރީގައި ބިދޭސީން ވަނީ ދިވެހިންނަށްވުރެ ކުރީގައެވެ. ފާޅުގައި ބިދޭސީން ކުރަމުން އަންނަ ވިޔަފާރިތައް ހުއްޓުވުމުގައި ސަރުކާރުތަކުން އެކަށީގެންވާ ފިޔަވަޅެއް މިހާތަނަށް އެޅިފައި ނުވެއެވެ. ނަމަވެސް ގަވާއިދުން ހުއްދަނަގައިގެން ދިވެހިން ހިންގާ ކުދި ވިޔަފާރިތަަކަށް އަބަދުވެސް ސަރުކާރުން އައީ ބޮޑެތި ހުރަސް އަޅަމުންނެވެ.

މާލޭގައި ކަންމަތީ ފިހާރައެއް ހިންގަމުން އަންނަ މުހައްމަދު އަލީ ބުނީ އޭނާގެ ވިޔަފާރިން ދައުލަތަށް ޓެކްސް ދައްކަމުން އަންނަ އިރު އެ ފިހާރަ އާއި ޖެހިގެން ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީ އަކު ވިޔަފާރި ކުރަމުން އަންނަނީ މީރާގައި ރެޖްސްޓްރީ ވުމެއްނެތި ހިތު ހުރި ގޮތަށެވެ.

މުހައްމަދު އަލީ ބުނީ އޭނާގެ ފިހާރައަށް ވުރެ އެތައް ގުނައެއް ބިދޭސީ މިހާ ހިންގާ ކަންމަތީ ފިހާރައިގެ ސޭލްސް މަތިކަމަށެވެ. އަދި އޭނާ ވިޔަފާރި ކުރަމުން އަންނަނީ ބިދޭސީ ބޮޑު ނެޓްވޯކެއްގެ ތެރެއިންނެވެ.

ފޮޓޯ: އިމިގްރޭޝަން

"އަތޮޅުތަކުން އެބަ ގެނޭ ތަރުކާރާއި މޭވާގެ ބާވަތްތައް, އެ މިގެންނަނީ އެމީހުންނާއި ގުޅުން ހުރި ރަށްރަށުގައި އުޅޭ ބިދޭސީން މެދުވެރިކޮށް, އެމީހުންގެ ވިޔަފާރިތައް ހުޅުމާލޭގައިވެސް އެބަ ހިންގާ, އެކަން އެތައް ފަހަރަކު ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވިއްޖެ, ހައްލެއް ނުލިބޭ" މުހައްމަދު އަލީ ހިތް ހަމަ ނުޖެހި ހުރެ ކިޔައިދިނެއެނެ.

މުހައްމަދު އަލީ ފާހަގަ ކުރި ގޮތުގައި މިފަދަ އެތައް ކަންމަތީ ފިހާރަތަކެއް މާލެ އާއި އަތޮޅުތަކުގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އަންނަނީ ހިންގަމުންނެވެ. މިއީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ.

ރާއްޖޭގައި އުޅޭ ބިދޭސީން ހިންގާ ވިޔަފާރިތަކުން މަހެއްގެ މައްޗަށް އެތައް ފައިސާއެެއް ގައުމުން ބޭރު ކުރަމުން އަންނަ އިރު ބިދޭސީން ގެ ތެރެއިން އެތައް ބަޔަކު އަންނަނީ ބްލެކް މާކެޓުގައި ޑޮލަރުގެ ވިޔަފާރިވެސް ކުރަމުންނެވެ. ނަމަވެސް ރާއްޖޭގެ ބޭންކިން ސިސްޓަމުގެ ތެރެއިން ބިދޭސީން މި ވިޔަފާރިވެސް ހިންގަމުން އަންނަނީ ވަރަށް ފަރިތަކޮށެވެ.

ރާއްޖެއަށް ބޭރުން މުދާ ގެންނަ އަލީ ވާފިރު ބުނީ ޑޮލަރުގެ ބޮޑު ނެޓްވޯކުވެސް އޮތީ ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ އަތް މަތީގައެވެ.

އޭނާ ފާހަގަ ކުރިގޮތުގައި ޑޮލަރުގެ މުއާމަލާތެއް އޭނާ ހިންގާލާއިރަށް ބޭންކުން އޭނާއަށް ގުޅައެވެ. ނަމަވެސް ފައިސާ ލިބޭ ބިދޭސީ މިހާ ހުންނަނީ ބޭންކުގެ ތެރެއިން ސަލާމަތްވެއެވެ. އޭނާ ދުވާލަކު އެތައް ލައްކަ ޑޮލަރުގެ ފިޔަފާރި ހިންގާލާއިރުވެސް ބޭންކުން އަޅާ ނުލައެވެ.

ވާފިރު ފާހަގަކުރި ގޮތުގައި މިހުރިހާ މުއާމަލާތްތަކެއް އެމީހުން ކުރަމުން އަންނަނީ ބޭންކުގެ ފަރާތްތަކާއި ގުޅިގެންނެވެ. އެހެން ނޫންނަމަ އޭނާއަށް ބޭންކުން ގުޅައި ދޭ އިންޒާރު އެމީހުންނަށްވެސް ލިބޭނެއެވެ.

ރާއްޖޭގައި ބިދޭސީން ހިތުހުރި ގޮތަކަށް!

ރާއްޖެ ފާހަގަވެގެން ދަނީ ބިދޭސީން ހިތުހުރި ގޮތަކަށް ގަވާއިދާއި ހިލާފަށް ވިޔަފާރި ކުރުމަށް ފުރުސަތި ލިބޭ ހަމައެކަނި ގައުމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ހާމަކަން ބޮޑު ގޮތެެއްގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ބޭނުން ގޮަތަކަށް ވިޔަފާރިއެއް ނުކުރެވެއެވެ.

ނަމަވެސް ރާއްޖެ ތަފާތެވެ. މާލޭގެ އެއްކޮޅުން އަނެއްކޮޅަށް ހިނގައި ބެލިއަސް މިހާރު ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހިންގާ އެތައް ސަތޭކަ ކެފޭ އާއި ފިހާރަތަކާއި ކުއްޔަށް ކޮޓަރި ދޫކުރާތަންތަން ފެންނާނެއެވެ. ނަމަވެސް އެކަން ހުއްޓުވައި ފިޔަވަޅު ނޭޅެއެވެ.

އިމިގްރޭޝަނުން މިހާރު ކުރިއަށްްގެންދާ އޮޕަރޭޝަނުގައި މިހާތަކަށް 10 ވަރަކަށް މީޙުން ހައްޔަރުކޮށްފައިވާ އިރު މިކަން ދެމެހެއްޓެނިވި ހަރުދަނާ ގޮތަކަށް ކުރެވިއްޖެނަމަ ރާއްޖޭގެ އިގްތިސާދުގައި 500 މިލިއަނަށް ވުރެ ގިނަ ފައިސާ މަހެއްގެ މައްޗަށް ހިފެހެއްޓޭނެއެވެ. މިއީ ސަރުކާރުގެ ސުޕަމެޖޯރިޓީ މަޖްލިސް ބޭނުންކޮށް ދާއިމީ ފަރުވާ ހޯދަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. އަދި އިމިގްރޭޝަނުން މިހާރު ކުރިއަށް ގެންދާ 100 ގެ މަސައްކަތެކެވެ.