ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ފައިސާ ޗާޕްކުރަން ޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީގައި މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވީ ރައްޔިތުން ބަނޑަށް ޖެހި ވިޔަފާރިތައް ފުނޑިގެން ދިޔަ ނުދިނުމަށްޓަކައި ފައިސާ ޗާޕްކުރަން ޖެހޭ ކަމަށެވެ. އޭނަ ވިދާޅުވީ އެއީ ކުރުން ގޯސް ކަމެއް ނުން ކަމަށާއި އެކަމާ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުބޮޑުވުމާ ވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ ވިސްނުންތެރިކަމާ އެކު ފައިސާ ޗާޕްކުރައްވައިގެން ވިޔަސް ވިޔަފާރިތައް ފުނޑު ފުނޑުވިޔަ ނުދެއްވާށޭ އެ މީހުންނަށް އެ ލާރި ދެއްވާށޭ. އެއްޗެހިީގެ އަގު ކުޑަކުޑަ ތަންކޮޅެއް ބޮޑުވެދާނެ، އެކަން ނުކޮށްފިއްޔާ މިހާރު އެހެން ހުރިހާ ވިޔަފާރިތައް ފުނޑުފުނޑު ވެގެން އެދަނީ އެމީހުންގެ މުވައްޒަފުން ވަޒީފާ ގެއްލެނީ،" ފައްޔާޒު ވިދާޅުވި އެވެ. "އެ މީހުންގެ ވަޒީފާތައް ގެއްލުނީމާ ކަންމަތީ ފިހާރަތަކުގެ ސޭލްސް ޑަބަލް ތިރިވެއްޖެ،. ކޮފީ ޝޮޕްތައް އެ އޮތް ހުއްޓެނީ. އެހެންވީމަ އެއްޗެހީގެ އަގު ކުޑަ ތަންކޮޅެއް ބޮޑުވުންތޯ މީގައި ރަނގަޅީ ނޫނީ މީހުންތައް ފުނޑު ފުނޑުވެގެން ގޮސް ވަޒީފާތައް ގެއްލި އެ މީހުން ކާނެބޯނެ ގޮތެއް ނެތިގެން ދިޔުންތޯ؟ އެމީހުން ކުލި ނުދެއްކުނީމާ އިމާރަތްތަކުން ނިކުތީމާ އިމާރަތްތަކުގެ ވެރިފަރާތް ބެންކަށް ދައްކަން ޖެހޭ ލާރި ނުދެއްކިގެން އައިސް މި ހުރިހާ ކަމަކާއި ވިސްނަން ޖެހޭނެ."
އޭނަ ވިދާޅުވީ ފައިސާ ޗާޕްނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިޔަސް އެއީ ގަދަކަމެއް ނޫން ކަމަށެވެ. އަދި ފައިސާ ޗާޕުކުރުމަކީ ކުރަން އޮންނަ ކަމެއް ކަމަށާއި ފައިސާ ޗާޕްކުރުމަށްފަހު އިތުރު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
"ފައިސާގެ އަގު ދަށްވިޔަސް ހެވެއް ނޫންތޯ؟ އަޅުގަނޑު މިދަންނަވާ ވާހަކަ އަކީ ފައިސާގެ އަގު ބޮޑުކޮށްގެން ތިބެންވީހޭ މީހުން ބަނޑަށް ޖެހި މަރުވާން. އެނިންމުން ނިންމަވާނީ އެ ބަޔަކު. އަޅުގަނޑުގެ ނިންމުމަކަށް ނަމަ ވާނީ އޭގެ އަގުބޮޑުވީ ނަމަވެސް އެކަމަކު އެއާއެކު ކުރަން ޖެހޭ ކަންކަން ހުއްނާނެ އެހެންވީމާ އެއް ބިލިއަން ރުފިޔާ ޗާޕްކޮށްފައި ވިޔަފާރިތަކަށް ދީފައި ސިޔާސީ މަގާމުތަކުން އެއް ބިލިއަން ރުފިޔާ ކަނޑާލަބަލަ،" އޭނަ ވިދާޅުވި އެވެ. "މިއީ ކޭޝް ފުލޯ މެނޭޖްކުރަން ކުރާކަމެއް، މިއަދުގެ ކޮޅު ބަދަކުރެއްވި ކުރީގެ މެމްބަރަކަށް ސްޓޭޓް މިނިސްޓަރު ކަން ވެސް ދެއްވައިފި."
ފައިސާ ޗާޕް ކުރުން ހުއްޓާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން މި ސަަރުކާރުން ފައިސާ ޗާޕްކުރުން ހުއްޓާލިކަން ހާމަކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ރައީސް ވިދާޅުވ ގައުމު ހިންގަވާނީ ފައިސާ ޗާޕްނުކޮށް ކަމަށާއި މިހާރު ވެސް އެ ގޮތަށް ރާއްޖޭގެ ކަންކަން މެނޭޖް ކުރައްވަމުން ގެންދަވާ ދާދި ފަހުން ވެސް ރައީސް ވިދާޅުވި އެވެ.