Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

ހިލޭ ޑިގްރީ ހިންގާފައި ވަނީ ސްކޭމެއް ގޮތަށް

މެންބަރު އިބްރާހިމް ޝުޖާއު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީ ސަރުކާރުން ފެށި "ހިލޭ ޑިގްރީ" ޕްރޮގްރާމް ހިންގާފައިވަނީ ސްކޭމެއް ގޮތަށް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި މަތީ ތައުލީމަށް އިންވެސްޓް ކުރުމުގެ ނަމުގައި ހިންގާފައިވަނީ ކޮންކަހަލަ ޖަރީމާތަކެއްތޯ ބަލަންޖެހޭ ކަމަށެވެ.

"މަތީ ތައުލީމު ނުވަތަ ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގާފައި އޮތީ، ބޮޑު ސްކޭމެއްގެ ގޮތުގައި" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ "ހިލޭ ޑިގްރީ" ޕްރޮގްރާމް ހިންގާފައި ވަނީ އަމިއްލަ ކޮލެޖްތަކުން ހިންގަމުންދިޔަ ކޯސްތަކުގެ އަގު ވައްޓާލައި، 60 އިންސައްތައިގެ ސަބްސިޑީދޭ އުސޫލުން ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން އަމިއްލަ ކޮލެޖްތައް އިނދަޖެހުނު މަންޒަރު ފެނުނުކަމަށް ޝުޖާއު ވިދާޅުވިއެވެ.

މީގެއިތުރުން ޝުޖާއު ވިދާޅުވީ ޕްރައިވެޓް ކޮލެޖުތައް ބާރުވެރިކުރުވުމުން ރާއްޖޭގައި ބޭރުގެ ފައިސާވެސް ހިފެހެއްޓޭނެ ކަމަށެވެ.

މަތީ ތައުލީމާއި ތަމްރީނުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގަމުން އަންނަތާ މަދުވެގެން 15 އަހަރުވެފައިވާ މަރުކަޒަކަށް ޔުނިވަސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެވޭނެ ކަމަށެވެ. ޤާނޫނުގައި މިހާރު އޮންނަގޮތުން ޔުނިވަސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދެނީ ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ މަދުވެގެން 20 އަހަރު ވެފައިވާނަމައެވެ. އަދި މި އިސްލާހުގައި ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު ފުރިހަމަވާންވާނެ ޝަރުތުތައްވެސް ބަޔާން ކޮށްފައެވެ.