Last Updated: April 29, 16:44
Tuesday, April 29, 2025
ޚަބަރު

ވޭނުގައި ގޮވާއެއްޗެއްގެ ނިޝާނެއް ނެތް: ސިފައިން

ގަލޮޅު ކަންމަތީގައި ޕާކުކޮށްފައި އޮތް ވޭން- ފޮޓޯ: އެމްއެންޑީއެފް

މާލޭގައި ވޭނެއްގައި އެއްޗެއް ގޮވިކަމުގެ ރިޕޯޓެއް ލިބުނުނަމަވެސް ވޭނުގައި ގޮވާއެއްޗެއްގެ ނިޝާނެއް ނެތް ކަމަށް ސިފައިން ބުނެފިއެވެ.

ގަލޮޅު ކަންމަތީގައި ޕާކުކޮށްފައި އޮތް ވޭނެއްގައި މިއަދު މެންދުރު އެއްޗެއް ގޮވިކަމުގެ ރިޕޯޓެއް ލިބުމުން ސިފައިންނާއި ފުލުހުން ވަނީ އެސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އެގޮތުންގެ ސިފައިންގެ ބޮމް ސްކޮޑުން ހަރަކާތްތެރިވެފައިވާއިރު ސިފައިންވަނީ އެސަރަހައްދުގައި ހަތިޔާރާއެކު ހަރަކާތްތެރިވެފައެވެ.

ސިފައިން ބުނެފައިވަނީ މިހާތަނަށް ބެލި ބެލުމުން ގޮވާ އެއްޗެއްގެ އެއްވެސް ނިޝާނެއް ފެނިފައިނުވާކަމަށެވެ. އަދި މިއީ ގޮވާ އެއްޗެއްގެ ސަބަބުން ހިނގި ހާދިސާއެއް ނޫންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި އިތުރު ނުރައްކަލެއް ނެތްކަން ކަށަވަރު ކުރެވިފައިވާ ކަަމަށެވެ.

މީގެއިތުރުން ސިފައިން ބުނެފައިވަނީ ވޭނުގައި އެއްޗެއް ގޮވި އަޑު އިވިފައިވަނީ ވެހިކަލްގެ ޓެކްނިކަލް މައްސަލައަކުން ކަމަށް ބެލެވޭތީ އެކަންކަން ފުލުހުން ބަލަމުންގެންދާ ކަމަށެވެ.

ސިފައިން ބުނެފައިވަނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. އަދި ވޭނަށްވެސް އެއްވެސް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.