ކޮރަޕްޝަނުގެ ހިރާސް ވަޒަންކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން އޭޭސީސީ) އިިން މިއަދި "ހިންމި" ޕްލެޓްފޯމް އިފުތިތާހުކޮށްފި އެވެ.
އެ ޕްލެޓްފޯމް އިފްތިތާހްކޮށް ދެއްވީ އުމަރު ޒާހިރު އޮފީސް ބިލްޑިން ގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.
އޭސީސީން ބުނީ އެ ޕްލެޓްފޯމްގައި ކޮރަޕްޝަންގެ ހިރާސް އިދާރާތަކުގައި އޮތް މިންވަރު އެ އިދާރާއަކުން އަމިއްލަ އަށް ދެނެގަނެ ވަޒަންކުރުމަށް ބޭނުންވާނެ މައުލޫމާތާއި އެފަދަ އެސެސްމެންޓެއް ހިންގުމުގައި އަމަލުކުރަންޖެ ހޭ ގޮތުގެ އިރުޝާދާއި ލަފާ ވެސް ހިމަނާފައި ވާނެ ކަމަށެވެ. އަދި އިދާރާއެއްގެ ތެރޭގައި ކޮރަޕްޝަނަށް ހުރި ހިރާސްތައް ދެނެގަނެ އެ ފުރުސަތުތައް ނައްތާލުމަށް މަސައްކަތް ކުރެވޭނެ ގޮތުގެ މަގުދައްކައިދޭ ޓޫލްކިޓެއް ވެސް އޭގައި އެކުލެވެ އެވެ.
މީގެ މަގްސަދަކީ ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގައި ދެފުށްފެންނަ ގޮތަށް ކަންކަން ބައްޓަންކުރުމާއި، ޖަވާބުދާރީ ކުރުވުމުގެ ސިފަތައް އަށަގެންނެވުމަށް ބާރުއަޅައި ކޮރަޕްޝަނަށް ހުޅުވިފައި ހުރި ހިރާސްތަކުގެ ދާއިރާތައް ދެނެގަނެ، މެދުރާސްތާގައި އެ ދާއިރާތަކުގައި ކޮރަޕްޝަން އޮތް މިންވަރު ދެނެގަތުން ކަމަށް އޭސީސީން ބުންޏެވެ.
"ހިންމި" ޕްލެޓްފޯމް މެދުވެރިކޮށް އިދާރާތަކުން ފުރިހަމަކުރާ ކަންކަމުގައި ހިމަނައި މަޢުލޫމާތުގެ ސިއްރުކަން ހިފަހައްޓައިދެވޭ ގޮތަށް ވަކި ލޮގްއިންއަކުން އިދާރާތައް ރަޖިސްޓްރީ ކުރެވިގެންދާނެ އެވެ. އޭސީސީން ބުނީ، ވަރަށް އަވަހަށް ސަރުކާރާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ނިޒާމުގައި ހުންނަ ކޮރަޕްޝަންގެ ހިރާސް ދެނެގަތުމަށް ހާއްސަކުރެވޭ ކޮރަޕްޝަން ރިސްކް އެސެސްމެންޓް ޓޫލް، ޕްލެޓްފޯމާ ގުޅާލެވި، ކުންފުނިތަކުގެ ކޯޕަރޭޓް ގަވަނެންސް އަދި އިންޓެގްރިޓީ ހަރުދަނާ ކުރުމަށް މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.