Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

ފުވައްމުލަކުގެ ވޮލީ މުބާރާތަކަށް ފޭދޫ ތައްޔާރީގައި

މުބާރާތަށް ތައްޔާރުވާ ފޭދޫގެ ދެ ޖިންސްގެ ވޮލީ ޓީމްގެ ކުޅުންތެރިން. ފޮޓޯ/ ފޭދޫ ވޮލީ ޓީމް

އަންނަ މަހު ފުވައްމުލަކުގައި ބާއްވާ ވޮލީ މުބާރާތަކަށް އައްޑޫ ފޭދޫން ވަރަށް ބޮޑު ތައްޔާރުވާން ފަށައިފި އެވެ.

ފިރިހެން/އަންހެން ޑިވިޝަން އެކުލެވޭ ގޮތަށް ބާއްވާ މި މުބާރާތަކީ ފުވައްމުލަކުގެ އަމިއްލަ ފަރާތެއް ކަމަށްވާ އިބްރާހީމް މޫސާގެ "އިމްސާ" އިން އިންތިޒާމުކޮށްގެން ބާއްވަން ހަމަޖެހިފައިވާ "އިމްސާ ވޮލީބޯލް ޓޯނަމަމަންޓް 2024" އެވެ. އަންނަ މަހުގެ 25 ގައި ފަށާ މުބާރާތަށް ފޭދޫގެ ދެ ޖިންސްގެ ވޮލީ ޓީމުތަކުން މިހާރު އަންނަނީ ވަރަށް ފޯރީގައި ތައްޔާރީތައްވަމުންނެވެ.

ފޭދޫން ބުނީ އަމާޒަކީ ދެ ޑިވިޝަނުން ވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދުން ކަމަށެވެ.

މުބާރާތާ ބެހޭ ގޮތުން އިބްރާހީމް މިއަދު "އައްޑޫ ލައިވް" އަށް ބުނީ މި މުބާރާތަކީ ފުވައްމުލަކުގެ އިތުރުން ކައިރި އަތޮޅުތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށެވެ. އެގޮތުން އައްޑޫގެ އިތުރުން ހުވަދު އަތޮޅާއި ތ. އަތޮޅުން ވެސް މުބާރާތުގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ބުންޏެވެ.

"އައްޑޫން މަދުވެގެން ހަތަރު ވަރަކަށް ޓީމް މުބާރާތުގައި މުބާރާތުގައި ވާދަކުރާނެކަން މިހާރު އޮތީ ގާތްގަނޑަކަށް ކަށަވަރުވެފައި." އިބްރާހީމް ބުންޏެވެ.

މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ޓީމްތަކަށް އަންނަ މަހުގެ 16 އާ ހަމައަށް ވަނީ ރަޖިސްޓްރޭޝަން ވަނީ ހުޅުވާލައިފަ އެވެ.

އިބްރާހީމް ބުނީ މުބާރާތުގައި ގާތްގަނޑަކަށް 17 ވަރަކަށް ޓީމު ވާދަކުރާނެ ކަމަށެވެ. ފުވައްމުލަކު ދަނޑިމަގު ޒުވާނުންގެ އެހީ އާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ އެއްބާރުލުން ވެސް ލިބިގެން ބާއްވާ މުބާރާތް ގާތްނޑަކަށް 16 ވަރަކަށް ދުވަހަށް ދެމިގެން ދާނެ އެވެ. މުޅި މުބާރާތަށް 180،000ރ. ހަރަދުވާނެ ކަމަށް އިބްރާހީމް ބުންޏެވެ. އަދި ދެ ޑިވިޝަނުން ވެސް ޗެމްޕިއަން ޓީމަށް 20،000ރ. ހުށަހަޅާފައިވާ އިރު، ރަނައަޕް ޓީމްތަކަށް 10،000ރ. ލިބޭނެ އެވެ.

އިބްރާހީމް ބުނި ގޮތުގައި އޭނަ އިންތިޒާމު ކުރާ މި މުބާރާތުގެ އެންމެ ބޮޑު ބޭނުމަކީ ވޮލީގެ ފޯރި ޒުވާނުންގެ މެދުގައި ގަދަކޮށް، އަވައްޓެރި އަތޮޅުތަކުގެ ވޮލީކުޅުންތެރިންގެ މެދުގައި ގުޅުން ބަދަހިކޮށް، އެކުވެރިކަން އާލާކުރުމެވެ.

"ކުޅިވަރަށް ވެސް ވަރަށް ޝައުގުވެރިކަން ހުންނަ މީހަކަށްވާތީ މިފަދަ މުބާރާތެއް މި އިންތިޒާމު ކުރަނީ. އުންމީދަކީ ވަރަށް ކާމިޔާބު މުބާރާތަކަށް މި މުބާރާތް ވާނެ ކަމަށް،" އޭނަ ބުންޏެވެ. "އަދި މުބާރާތުގެ ތަޖުރިބާގެ އަލީގައި އަންނަ އަހަރު މާ ވަރުގަދަކޮށް މުބާރާތް ބާއްވަން މަސައްކަތް ވެސް ކުރާނަން."

މިދިޔަ އަހަރު ވެސް "އިމްސާ" އިން ވަނީ ފުވައްމުލަކުގެ އަންހެނުންނަށް ހާއްސަކޮށްގެން ކާމިޔާބު ވޮލީ މުބާރާތެއް ބާއްވައިފަ އެވެ. އެ މުބާރާތުގައި ހަ ޓީމް ވާދަކުރި އެވެ.