Last Updated: September 8, 06:39
Sunday, September 8, 2024
ކުޅިވަރު

ފްރާންސް ކަޓުވާލައި ސްޕެއިން ފައިނަލަށް

ސްޕެއިނުން 2-1 އިން ފްރާންސް ބަލިކޮށް، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ފައިނަލުގައި ސްޕެއިން ކުޅޭނީ ސެމީގައި ނެދަލެންޑްސް އާއި އިންގްލެންޑް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެެވެ. މިއީ 2012 ވަނަ އަހަރަށް ފަހު ޔޫރޯގެ ފައިނަލަށް ސްޕެއިން ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މިއުނިކްގެ އަލިއާންޒް އެރީނާގައި މިރޭ ކުޅުނު މެޗުގެ 8 ވަނަ މިނެޓްގައި ފްރާންސުން ވަނީ ލީޑު ނަގައިފަ އެވެ. ފްރާންސްގެ ކެޕްޓަން، ކިލިއަން އެމްބާޕޭ ނެގި ހުރަހަކުން ބޮލުން ގޯލަށް ފޮނުވާލައިގެން މި ގޯލު ކާމިޔާބުކޮށްދިނީ ކޯލޯ މުއާނީ އެވެ.

ނަމަވެސް މެޗުގެ 21 ވަނަ މިނިޓްގައި ޔަމީން ޔަމާލް ޖެހި ހިތްގައިމު ގޯލުން ސްޕެއިނުން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ގޯލު ޔަމާލް ކާމިޔާބު ކުރީ ފްރާންސްގެ އޭރިއާބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މިއީ 16 އަހަރުގެ ޔަމާލް ޔޫރޯގައި ޖެހި ފުރަތަމަ ގޯލެވެ. އޭނާ އަކީ ޔޫރޯގެ ތާރީހުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާ އެވެ.

މި ގޯލު ކާމިޔާބު ކުރިތާ ހަތަރު މިނެޓް ފަހުން ޑެނީ އޮލްމޯ ވަނީ ސްޕެއިނަށް ލީޑު ނަގައިދީފަ އެވެ. މި ގޯލު ވަދެފައިވަނީ ފްރާންސްގެ އޭރިއާ ތެރޭ ހުރެ އޮލްމޯ ފޮނުވާލި ބާރު ހަމަލާއެއް ފްރާންސްގެ ފުލްބެކް ޖޫލްސް ކޫންޑޭ ފައިގައި ޖެހިފަ އެވެ.

ދެވަނަ ހާފުގައި ފްރާންސުން ކުރިއަށް ޖެހިލައިގެން ކުޅުނުއިރު ނަތީޖާ އެއްވަރުކޮށްލަން އެޓީމުގެ ތިއޯ ހަނާންޑޭޒް އަދި އެމްބާޕޭ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.

މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރެ އެވެ.