ރާއްޖެ އާއި ޗައިނާގެ ސިޝުއާން ޕްރޮވިންސްއާ ދެމެދު ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރެންސެއް ބާއްވަން ނިންމައި އޭގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ކޮންފަރެންސް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހު އެވެ. އެހެންވެ ޝައުގުވެރިވާ ދިވެހި ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 18 އާ ހަމައަށެވެ.
މި ކޮންފަރެންސް ހާއްސަކޮށްފައިވާ ދާއިރާތަކަކީ:
* ދަނޑުވެރިކަން
* މޭވާ އާއި ތަރުކާރީ ސަޕްލައިކުރާ ފަރާތްތައް
* ކާބޯތަކެތި އުފެއްދުމާއި، ޕްރޮސެސް ކުރުމާއި އެކްސްޕޯޓް އަދި ސަޕްލައި ވިޔަފާރި
* ކޮންޒިއުމާ ގުޑްސް އަދި ހޯލްސޭލް ވިޔަފާރި
* ޓޫރިޒަމް ދާއިރާ
އިކޮނޮމިކް މިނިސްޓްރީން ބުނީ ކޮންފަރެންސްގެ ތައްޔާރީތަކަށް ސްޓޭންޑިން ކޮމިޓީ އޮފް ސިޝުއާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ވައިސް ޗެއާމަން ޒޫ ޗުންޝިއު އިސްކޮށް ހުންނަވައި ހަ މެންބަރުންގެ މައްޗަށް އެކުލެވޭ ވަފުދެއް ވެސް އަންނަ މަހު ރާއްޖެ އަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.
މި ދަތުރުގެ މައިގަނޑު މަގުސަދަކީ ސިޝުއާން ޕްރޮވިންސާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ.
ކޮންފަރަންސާ ގުޅޭ އިތުރު މަޢުލޫމާތު 3333181 ނުވަތަ 3333182 އިން ހޯދޭނެ އެވެ. މި ކޮންފަރެންސްގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިތަކަށް މި ލިންކް https://forms.office.com/r/6Hg5iPr2ua?origin=lprLink އިން ރަޖިސްޓްރީވެވޭނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ކޮންފަރަންސްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގައި ތަނުގެ ޖާގައަށް ބަލައި ސިޝުއާން އިން އަންނަ ވިޔަފާރިތަކާ އެންމެ ގުޅޭ ދާއިރާތަކުގެ ވިޔަފާރިތަކަށް އިސްކަން ދޭނެ ކަމަށެވެ.