ޗައިނާއާއި ވަކިވެގަތުމަށް މަސައްކަތް ކުރަމުންދާ ޓައިވާނުގެ ސަރަހައްދުގައި ޗައިނާގެ އަސްކަރީ އުޅަނދުތައް ގިނަ އަދަދަކަށް ހަރަކާތްތެރިވާން ފަށައިފިއެވެ.
ޗައިނާއާއި ވަކިވެގަތުމަށް ޓައިވާނުން މަސައްކަތް ކުރަމުންދާއިރު، ޓައިވާންގެ ޑިފެންސް މިނިސްޓްރީއާއި ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރު ރެކޯޑް އަދަދަށް ޗައިނާގެ އަސްކަރީ އުޅަނދުތައް ޓައިވާން ސަރަހައްދާއި ގާތުން ފެނިފައިވާ ކަމަށެވެ.
އެގޮތުން ހަނގުރާމަމަތީ 66 މަތިންދާބޯޓު އަދި އަސްކަރީ 7 ކަނޑުގެ އުޅަނދެއް ފެނިފައިވާ ކަމަށް ޓައިވާންގެ ޑިފެންސް މިނިސްޓްރީ ބުނެފައިވެއެވެ. މީގެތެރެއިން 56 އަސްކަރީ މަތިންދާބޯޓެއް ޗައިނާއާއި ޓައިވާން ވަކިކުރާ މީޑިއަން ލައިން ހުރަސްކޮށްފައިވާ ކަމަށްވެސް ޓައިވާންގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.
ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރަޝިއާ އަދި ޗައިނާ ގުޅިގެން ފިލިޕިންސްގެ ކަނޑުގެ ސަރަހައްދުގައި އަންނަނީ އަސްކަރީ ތަމުރީނުތަކެއްވެސް ކުރިއަށް ގެންދަމުންނެވެ.
ޓައިވާނުގެ ސަރަހައްދުގައި ޗައިނާގެ އަސްކަރީ އުޅަނދުތައް ގިނަ އަދަދަކަށް ހަރަކާތްތެރިވާ ކަމަށް ޓައިވާނުން ބުނެފައިމިވަނީ ނޭޓޯ ސަމިޓް ކުރިއަށްދަނިކޮށެވެ. އެގޮތުން ނޭޓޯ ގައުމުތަކުގެ ވެރިން އަންނަނީ އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައި ބައްދަލުކުރަމުންނެވެ.
މިއަހަރުގެ މޭ މަހުގެ ތެރޭގައިވެސް ޗައިނާއިން ވަނީ ޓައިވާންގެ ސަރަހައްދު ވަށާލައި، އަސްކަރީ ތަމުރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ ތަމުރީނުތަކަކީ ޗައިނާއާ ވަކިވެގަނެ މިނިވަންވުމަށް ޓައިވާނުން ކުރާ މަސައްކަތަށް ދެވޭ ވަރުގަދަ އަދަބެއް ކަމަށާއި އަދި މިއީ ބޭރުގެ އެހެން ބާރުތަކުން ޓައިވާންގެ މައްސަލައަށް ވަނުމާ ދެކޮޅަށް ދެވޭ ވަރުގަދަ ހަރުކަށި އިންޒާރެއް ކަމަށް ޗައިނާއިން ބުނެފައިވެއެވެ.
ޓައިވާނަކީ މިނިވަން ގައުމެއްގެ ގޮތުގައި ބަލައިގަންނަން ޗައިނާ އިން ދެކޮޅު ހަދަމުންދާއިރު ޗައިނާ އިން އަބަދުވެސް ދެކެނީ ޓައިވާނަކީ އެގައުމުގެ ޕްރޮވިންސެއްގެ ގޮތުގައެވެ.