Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

"ފޭދޫ ސޮކާ ކަޕް 2024" އަށް ހުޅުވާލައިފި

ފޭދޫ ސޮކަ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ހިތަދޫ ޒެފިއާ. ފޮޓޯ/ ފާހި ސްޕޯޓްސް

އައްޑޫ ފޭދޫ ފާހި ސްޕޯސްޓް ކުލަބުން އިންތިޒާމުކޮށްގެން އަންނަ މަހު ބާއްވާ "ފޭދޫ ސޮކާ ކަޕް 2024" ގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

އައްޑޫގެ ހުރިހާ އަވަށެއްގެ ޓީމްތަކަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ފޭދޫ ޓާފް ދަނޑުގައި ހަވީރު މެޗްތައް ކުޅޭ ގޮތަށް ބާއްވާ މުބާރާތް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ގަ އެވެ.

ފާހި ސްޕޯޓްސްގެ ރައީސް އަލީ ހަނީޒް މިއަދު ވިދާޅުވީ އަމާޒަކީ 6 ނުވަތަ 7 ވަރަކަށް ޓީމާ އެކީ މުބާރާތް ބޭއްވުން ކަމަށެވެ. މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް ބޭރުގެ ކުޅުންތެރިޔަކު ޓީމުގައި ހިމެނުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

"މިހާރު ވެސް ޝައުގުވެރިކަން ފާޅުކުރި ޓީމްތަކުގެ ތެރެއިން ބައެއް ޓީމްތަކުގައި ބޭރުގެ ކުޅުންތެރިން ވެސް ހިމެނޭކަން ފާހަގަކުރެވޭ،"ހަނީޒް ވިދާޅުވި އެވެ. "މި ފަހަރުގެމ މުބާރާތަކިީ ވެސް ވަރަށް ފޯރިގަދަ ކާމިޔާބު މުބާރާތަކަށް ވާނެ."

"ފޭދޫ ސޮކާ ކަޕް" އަކީ 2018 އިން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

"މުބާރާތުގެ އެންމެ ބޮޑު މަގުސަދަކީ އައްޑޫގައި ފުޓްބޯޅައިގެ ފޯރި ގަދަކޮށް، ކޮމިއުނިޓީގެ ތެރޭގައި އެއް ބަޔަކު އަނެއް ބަޔަކާ ގުޅުން ބަދަހި ކުރުން." ހަނީޒް ވިދާޅުވި އެވެ.

އެންމެ ފަހުން 2022 ގައި ބޭއްވި "ފޭދޫ ސޮކާ ކަޕް" ގެ ޗެމްޕިއަނަކީ ހިތަދޫ އެފްސީ ޒެފިއާ އެވެ.