Last Updated: January 13, 06:05
Monday, January 13, 2025
ޚަބަރު

ރަސްމާލެއަށް ސަޕްލައި ހޯދަން ކަމަށްބުނެ 1.9 މިލިއަން ފޭރިއްޖެ

1.9 މިލިއަން ރުފިޔާގެ ސްކޭމްގެ މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ނަޝީދާ ވިދާޅުވީ ޖޫން 18 ވަނަ ދުވަހު ވިޔަފާރި ކުންފުންޏެއްގެ ހިއްސާދާރަކަށް ކާކުކަން ނޭންގޭ ފަރާތަކުން ގުޅާ، ވައިބާއާއި ވަޓްސްއެޕް މެދުވެރިކޮށް، ޕްރޮޖެކްޓަކަށް މުދާ ސަޕްލައިކުރަން ބޭނުން ކަމަށްބުނެ އެ މުއާމަލާތުގެ ތެރެއިން އޮޅުވާލައިގެން ވެންޑާ ރަޖިސްޓްރީ ކުރުމަށް އީމެއިލް އެޑްރެސްގެ މައުލޫމާތު ހޯދާ، އީމެއިލް ކޮމްޕްރޮމައިޒް ކޮށްފައިވާ ކަމަށެވެ.

އީމެއިލް ކޮމްޕްރޮމައިޒް ކުރުމަށްފަހު އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެމީހާގެ ޕާސަނަލް އެކައުންޓަށް އެކްސެސްވެ، އެ އެކައުންޓުން 25،000 ރުފިޔާއާއި ވިފަޔާރީގެ އެކައުންޓުން 1،897،016 ރުފިޔާ ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ ހުށަހެޅިފައިވަނީ ޖޫން 18 ވަނަ ދުވަހު ކަމަށާއި، މިކަން ހިނގިއިރު ކުންފުނި އެކައުންޓުގައި 2.6 މިލިއަން ރުފިޔާ ހުރި ކަމަށެވެ. އަދި ސްކޭމް ހުއްޓުވުނުއިރު ސަލާމަތްކުރެވުނީ 8 ލައްކަ ރުފިޔާ ކަމަށާއި މިހާތަނަށް މީގެތެރެއިން 548،840 ރުފިޔާ ހޯދިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި މުއާލަމާތް ކޮށްފައިވަނީ ރަސްމާލެ ޕްރޮޖެކްޓަށް ސަޕްލައި ހޯދުމަށް ކަމަށް ބުނެ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

"މި ކުންފުންޏާ ހިނގި މުއާމަލާތް، މި މުއާމަލާތަކީ ނުދަންނަ ނަންބަރަކުން ރަސްމާލެ ޕްރޮޖްޓަކަށް ސަޕްލައި ކޮށްދިނުމަށް އެދި އައި ހުށަހެޅުމަށް ޖަވާބުދީ އެ ޕްޖެކްޓަށް ސަޕްލައި ކުރުމަށްޓަކައި ތަކެއްޗާ ބެހޭގޮތުން ދެކެވުނު ވާހަކަތަކެއްގެ ތެރެއިން، އެކައުންޓް ކޮމްޕްރޮމައިޒް ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދައިގެން ހިންގާފައިވާ މުއާމަލާތެއް." ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި ފައިސާ ފައިނޭންޝަލް ސިސްޓަމްގެ ތެރެއިން ބޭރުކުރުމުގައި 6 އަތޮޅެއްގެ 12 ރަށަކުން 158 މީހުން އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި އޭޓީއެމްތަކުން ފައިސާ ނަގައި ދައުރުކުރުގައި އިތުރު މީހުން ބައިވެރިވެފައިވާކަން ފާހަގަކުރެވިފައިވާތީ އެކަންވެސް ބަލަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި 158 ގެ ތެރެއިން ގިނަ މީހުންނަކީ މި ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން ނޭންގޭ މީހުން ކަމަށާއި އަދި މި މީހުން މި ސްކޭމްގައި ބައިވެރި ނުވާކަން ތަހުގީގަށް ކަށަވަރު ކުރެވިފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.