Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

ކުޅިވަރު ގާނޫނު އިސްލާހު ކުރަނީ

ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ހަރުދަނާކޮށް ހިންގުމަށްޓަކައި ކުޅިވަރު ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

މި ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ކުޅިވަރުތައް ކުރިއެރުމަށްޓަކައި އެސޯސިއޭޝަންތަކަށް ދިމާވެފައިވާ ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި އިދާރީ ކަންކަން ވެސް ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ކުޅިވަރު ގާނޫނޫތަކަށް ގެންނަން ޖެހޭ އިސްލާހުތައް ފާހަގަކޮށް އެޓާނީ ޖެނެރަލްގެ އޮފީހަށް އަންނަ މަހު ފޮނުވޭ ވަރު ވާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ ދެ އެސޯސިއޭޝަނެއްގެ އިދާރީ މައްސަލަތަކެއް ފެންމަތިވެ، ކަމާ ގުޅުން ހުރި އިދާރާތަކުން އެކަންކަން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ރާފިޢު ވިދާޅުވީ މިނިސްޓްރީން ވެސް މައްސަލަތައް ގާތުން ބަލަމުން އަންނަ ކަމަށާއި، ވީހާ ވެސް އަވަހަކަށް މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދު ވެސް ކުރައްވާ ކަމަށެވެ.

ރާފިޢު ވިދާޅުވީ މިހާރަށް ވުރެން ބޮޑަށް ސްޕޯޓްސް ކޮމިޝަނަރުގެ އިތުރުން މިނިސްޓްރީން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ ކުޅިވަރު ދާއިރާގެ ގިނަ ކަންކަމަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.