Last Updated: November 28, 10:39
Thursday, November 28, 2024
މުނިފޫހިފިލުވުން

ޕްރިޔަންކާގެ ދެމަފިރިން އިންޑިއާ އަށް

މާދަމާ އޮންނަ އިންޑިއާގެ "ބޮޑު ކައިވެނި" ހަފުލާގައި ބައިވެރިވުމަށް ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ދެމަފިރިން މިއަދު ހަވީރު އިންޑިއާ އަށް ގޮސްފި އެވެ.

ފިރިމީހާ ނިކް ޖޯނަސްއާ އެކީ ޕްރިޔަންކާ އުފަން ގައުމަށް އެނބުރި ދިޔަ އިރު، 2018 ގައި ކައިވެނިކުރި ފަހުން އޭނަ ދިރިއުޅެމުން އަންނަނީ އެމެރިކާގަ ނަމަވެސް ދޭތެރެ ދޭތެރެ އިން ޕްރިޔަންކާ އިންޑިއާ އަށް ދެ އެވެ. އެގޮތުން އެންމެ ފަހުން އޭނަ އިންޑިއާ ދިޔައީ ދެބޭންގެ ދެދަރި ކޮއްކޮ ބަތަލާ ޕަރިތީނީ ޗޯޕްޅާގެ އެންގޭޖްމަންޓް ހަފުލާ އަށް މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އާނަންތު އަމްބާނީ އާއި ބައިވެރިޔާ ރާދިކާ މާޗަންޓްގެ ކައިވެނީގެ ރަސްމީ ހަފުލާ މާދަމާ ބާއްވަން ހަމަޖެހިފައި ވަނީ މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝެން ސެންޓަރުގަ އެވެ. އެ ހަފުލާގައި މުޅި ބޮލީވުޑާއި އެ އިންޑިއާގެ ނުފޫޒު ގަދަ ވިޔަފާވެރިންނާއި ސިޔާސީ ބޭފުޅުންނާއި މަޝްހޫރު ކުޅިވަރު ޝަހުސިއްޔަތުން ވެސް ބައިވެރިވާނެ އެވެ.

އަދި ކައިވެނީގެ ހަފުލާ އަށް ބޭރު ގައުމުތަކުގެ ނުފޫޒު ގަދަ 100 އަށް ވުރެ ގިނަ މީހުން ވެސް ބައިވެރިވާނެ އެވެ.

އާނަންތު އާއި ރާދިކާގެ ކައިވެނީގެ ރަސްމީ ހަފުލާ މާދަމާ ބާއްވާ އިރު، ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި މި މަހުގެ 15 އާ ހަމައަށް ތަފާތު ކަރަކާތްތައް ކުރިއަށް ދާނެ އެވެ. މި ކައިވެނީގެ "ޕްރީ-ވެޑިން" ހަފުލާތައް މި އަހަރު ފެށުނީއްސުރެ އަންނަނީ ބާއްވަމުންނެވެ.