Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

ސިޔާސީ މައިދާނުން ޔާމީން އެކަހެރިވެއްޖެ: ފައިސަލް

ޕީއެންސީގެ ރޭގެ ޖަލްސާގައި ފައިސަލް ވާހަކަ ދައްކަވަނީ. ފޮޓޯ/ ދެން

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރު ހުންނެވީ ސިޔާސީ މައިދާނުން އެކަހެރިވެފައި ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ޖަގަހަ ޖަލްސާގައި ރޭ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ފައިސަލް ވިދާޅުވީ ރާއްޖޭގައި ވަރަށް ފުޅާދާއިރާއެއްގައި ވިޔަފާރިކުރައްވާ ފަރާތެއް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމަށް 200 މިލިއަން ރުފިޔާ ދިން ކަމަށާއި ނަމަވެސް އެ ފައިސާ ޔާމީންގެ އަމިއްލަ އެކައުންޓަށް ލާފައިވާ ކަމަށެވެ.

"ލާރި، ލާރި، ލާރި، ލާރި ނޫން އެހެން އެއްޗެއް ނޫން ވީމާ ވެރިކަން ގެއްލި، މިއަދު ސިޔާސީ މައިދާނުން އެކަހެރިވެފައި އެ އިނދީ،" ޔާމީނަށް ނިސްބަތް ކުރައްވަމުން ފައިސަލް ވިދާޅުވި އެވެ.

ޔާމީނު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ ރައީސް މައުމޫނުގެ ފޮޓޯފުޅު ދައްކަވައިގެން ކަމަށާއި، ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް މައުމޫން ހަތް މަސް ދުވަސްވަންދެން ބެހެއްޓެވީ ޖަލުގައި ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ރައީސް މައުމޫންގެ ފޮޓޯފުޅު ދައްކައިގެން އެ ބޭފުޅާގެ ތުއްތޮންބެ ގެންގޮސް ބޭންދީ ހަތް މަސް ދުވަސް ވަންދެން ޖަލުގައި. ދިވެހިރާއްޖޭގައި މިއަދު ތިއްބެވި ހުރިހާ ސިޔާސީ ބޭފުުޅުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމުގައިވިޔަސް ކާނަލް ނާޒިމް ކަމުގައި ވިޔަސް އަދި ފާރިސް މައުމޫން ކަމުގައިވިޔަސް މި އެންމެން ޖަަލަށްލައިގެން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ޕީއެންއެފްގެ ޕޯޑިއަމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދިމާކުރާނަމަ ރައްދު ދެއްވާނެ ކަމަށެވެ. އަދި ރައީސް މުއިއްޒާއި ސިޔާސީ ގޮތުން ދިމާކުރެވޭ ވަރުގެ ސިޔާސީ ވެރިއެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށްވެސް ވިދާޅުވި އެވެ.