އައްޑޫގައި ބަންދުކޮށްފައިވާ ޝަންގްރިއްލާ ރިސޯޓު މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހުޅުވޭނެ އިންތިޒާމު ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ފައިސަލް ވިދާޅުވީ އައްޑޫގެ ޓޫރިޒަމަށް ރައީސް މުއިއްޒު ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވާ ކަމަށާއި ދާދިފަހުން ރައީސްއާ އެކު ބޭއްވުނު ބައްދަލުވުމުގައި މިއަހަރުގެ ޑިސެމްބަރު މަހު އައްޑޫ އަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި ކަމަށެވެ.
"ދާންވާ އިރަށް، ޝަންގްރިއްލާ އާއި އައްޑޫގެ ޓޫރިޒަމްގެ ކަންތައްތަކެއް ނިމިފައި ހުރުން އެއީ، އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ކަމަށް. އެހެންވީމާ ވަރަށް ހާއްސަ އިސްކަމެއް ދީގެން އަޅުގަނޑުމެން މިދަނީ އެ މަސައްކަތް ކުރަމުން،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ މިދިޔަ ހަފުތާގައި ރާއްޖޭގައި ތިބި ޝަންގްރިއްލާ މެނޭޖްމެންޓުގެ އިސްވެރިންނާ މަޝްވަރާކުރެވުނު ކަމަށާއި ރިސޯޓު އަލުން ހުޅުވުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީގައި އެކަމަށް ޚައްސަ ޓާސްކްފޯސްއެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި ޝަންގްރިއްލާގެ ވެރިންނާ ދަތުރުކޮށްގެން ބައްދަލުކުރަން ޖެހުުނު ނަމަވެސް އެކަން ވެސް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން މިއަހަރުތެރޭ ޗައިނާގެ އެކި ޕްރޮވިންސްތަކުން އައްޑުއަށް ސީދާ ދަތުރުތައް ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބަންދުކުރި ގޮތަށް އެ ރިސޯޓު މިހާތަނަށް ހުޅުވާފައެއް ނުވެ އެވެ.
ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަކީ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އާއި އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ 70 ޕަސެންޓް ހިއްސާއާ އެކީ 2008 ގައި ހުޅުވި ރިސޯޓެކެވެ. ކުރީ ސަރުކާރުން މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވަނީ އެ ރިސޯޓުގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލާފަ އެވެ.
ޝަންގްރިއްލާ ބަންކުރުމާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ވެސް ގެއްލި، އައްޑޫގެ އިގުތިސާދަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވެ އެވެ.