ސަރުކާރުގައި ތިއްބެވި ބޭފުޅުން ޒާތީ ގޮތުން ދިމާކުރިޔަސް އަސަރެއް ނުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފަރާތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ޕީއެންއެފް އޮތީ ރައްޔިތުންނާއެކު ކަމަށާއި ރަސްމީކޮށް އިދިކޮޅުގައި ތިބީ އެމްޑީޕީން ކަމަށެވެ. އަދި ޕީއެންއެފްގެ ޕޯޑިއަމްގައި ދައްކަނީ ރައްޔިތުންނަށް ކަންބޮޑުވާ ކަންކަމާއި، ގައުމުގެ ހާލަތު އޮތް ގޮތުން ރަނގަޅު ކުރަންޖެހޭ ކަންކަމުގެ ވާހަކަތައް ކަމަށާއި ޕީއެންސީގެ ޕޯޑިއަމްގައި ޒާތީ ގޮތުން ޕީއެންއެފްގެ ބޭފުޅުންނާއި ދިމާލަށް އެއްޗެހި ކިޔަސް ހައްލުކުރަންޖެހޭ ކަންކަމަށް ހައްލުތަކެއް ނުލިބޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ސަރުކާރުގައި ތިއްބެވި ބޭފުޅުން ކުރަންވީ ކަމަކީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރުން ކަމަށާއި ޒާތީ ގޮތުން ދިމާކުރިޔަސް ޕީއެންއެފްގެ ބޭފުޅުންނަށް އަސަރެއް ނުކުރާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވެސް، ހުސެއިންގެ ވެސް، ޖަމީލުގެ ވެސް، އަޅުގަނޑުމެންގެ ހަން ވަރަށް ބޯވާނެ. އެޔަކުންނެއް އަޅުގަނޑުމެންނަކަށް އަސަރެއް ނުކުރާނެ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ކަންކަމުގައި ބިރެއް ވެސް ނުގަންނާނެ ކަމަށާއި މިހާރުވެސް ޕީއެންއެފްގެ ޕޯޑިއަމްގައި ދައްކަމުންދާ ވާހަކަތައް އެގޮތުގައި ދައްކަމުންދާނެ ކަމަށެވެ. އަދި ބިރު ދެއްކުމުގެ ގޮތުން ތަންތަނަށް ހާޒިރުކުރާނަމަ އެތަނަކަށް ދާނެ ކަމަށާއި ނަމަވެސް އެންމެ ފުރަތަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު ބަހާއި އަމަލު ދިމާކުރައްވަންޖެހޭ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
އެގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބަލަން އުޅޭގޮތަށް ރައީސް މުއިއްޒު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ސިޓީ ކައުންސިލްގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ވެސް ބެލުމަށް ޔާމީން ގޮވާލެއްވި އެވެ.