ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބަދު ފައިސާގެ ވާހަކަ ދައްކަވާތީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ޔާމީންއާ ސުވާލުތަކެއް ކުރިމަތި ކުރުވައިފި އެވެ.
ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ފައިސާ ދެއްވާ ކަމަށާއި އެއީ މުލިއާގެ ރެއިޑްކޮށްގެން ފުލުހުން ބަލަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
ޔާމީންގެ އެ ވާހަކަތަކާ ގުޅިގެން ފަލާހު ވަނީ ޔާމީނަށް ފައިސާގެ ވާހަކަ ނޫން ވާހަކައެއް ނުދެއްކެނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ޔާމީންގެ އަމިއްލަފުޅު އެކައުންޓުގައި 200 މިލިއަން ރުފިޔާ ހުރުން މިއީ ކޮން ކަހަލަ ކަމެއްތޯ އާއި އެއީ ހަމަ ސައްހަ ފައިސާތޯ ވެސް ސުވާލު ކުރައްވާފަ އެވެ.
"މުލިއާގެއިން އެއްވެސް މަޖިލިސް މެމްބަރަކަށް އެންމެ ރުފިޔާ އަށް ވެސް ނުދޭ. މަނިކުފާނަށް މިވަރުން ސާފުވާނެ ކަމަށް ހީކުރަން،" ފަލާހު ވިދާޅުވި އެވެ.
ޕީއެންއެފްގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ފައިސާ ދޭ ވާހަކަ ސަރުކާރުން ދޮގުކުރިޔަސް އެކަން އެގޮތަށް ހިނގާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ދެވޭ ފައިސާ އަކީ ކޮރަޕްޝަން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"މުލިއާގެއިން ދޮގުކުރިއަސް އެކަން އެގޮތަށް ހިނގާ. އެ މައުލޫމާތު އަޅުގަނޑަށް ލިބިފައިވޭ. މުލިއާގޭގައި ހުރީތޯ މިހާ ލާރިއަޅާ ގަސްތަކެއް. އަޅުގަނޑުވެސް އުޅުނު ތަނެކޭ މިއީ. މުސާރަ އާއި ނުބައްދަލު މިންވަރުގެ ފައިސާ އެއް ގެންގުޅޭ ނަމަ އެކަން އެއީ ބަލަން ޖެހޭ މައްސަލައެއް. ބެންކުން މި ފައިސާ ނަގައިފި ނަމަ އެމްއޭގެ ހުރިހާ ރަތް ބޮކި ދިއްލެން ޖެހޭ. ތި ހުންނަނީ ވަރުގަދަ މައްސަލަތައް،" ޔާމީން ވިދާޅުވި އެވެ.