ލ. އަތޮޅުގެ ތިން ރަށެއްގައި ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ކްލޯޒް-ބިޑިންގެ ތެރެއިން ދުބާއީގެ ކުންފުންޏަކަށް ދީފައިވާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ހައުސް މިނިސްޓަރު ވިދާޅުވީ ލާމުގައި ޓޫރިޒަމް ފުޅާކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން އެ އަތޮޅުގެ ތިން ރަށަކަށް ފުރުސަތު ހުޅުވައިލުމުން ޕްރޮޕޯސަލްތަކެއް ލިބިފައިވާތީ ރައީސް ޑރ. މުހައްމަ މުއިއްޒުގެ ހާއްސަ ހުއްދައެއްގެ ދަށުން އެ ރަށްތައް ދުބާއީގެ ކުންފުންޏަކަށް ހަވާލުކޮށް އެވޯޑް ލެޓާ ވެސް ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އެއީ ތިން ރަށެއް ކަމަށާއި އެ ތިން ރަށް ހަވާލުކުރި ކުންފުންޏާ ބެހޭ އެއްވެސް ތަފުސީލެއް މިނިސްޓަރު ނުދެއްވަ އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި ތިން ރަށުގެ ތެރެއިން އެއް ރަށަށް ދައްކަން ޖެހޭ ފައިސާ މީރާއަށް ދައްކާފައިވާ އިރު، އަނެއް ދެ ރަށަށް ދައްކަން ޖެހޭ ފައިސާ ވެސް ވަރަށް އަވަހަށް ދައްކާނެ އެވެ. އަދި ކުރިއަށް އޮތް ދެތން މަސްތެރޭ އެ ރަށްތައް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ވިދާޅުވި އވެ.
މިނިސްޓަރު ވިދާޅުވީ ލ. ބަރެސްދޫ ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ވީހާ ވެސް އަވަހަށް ފެށުމަކީ އުންމީދެއް ކަމަށެވެ. އަދި އެ ރަށް މިހާރު ޗައިނާގެ ބަޔަކު ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިހާތަނަށް އަދި އެއްވެސް ރިސޯޓެއް ނެތް ލ. އަތޮޅަކީ މިނިސްޓަރު ފައިސަލް ނިސްބަތްވާ އަތޮޅެވެ.