Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

އަލަށް ރިސާޗް ލައިބްރަރީއަކާ އެކީ މިސްކިތެއް

ރިސާޗް ލައިބްރަރީއަކާ އެކީ އަލަށް ރާއްޖޭގައި ބިނާކުރާ މިސްކިތުގެ ބިންގާ އަންނަ މަހު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ބިނާކުރާ މިސްކިތުގެ ކުރެހުންތަކަކާ އެކީ މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ "މަސްޖިދު އުންމުލްމުއުމީން ޢާއިޝާ ރަޟި ﷲ ޢަންހާ" ގެ ނަމުގައި ބިނާކުރާ މި މިސްކިތަކީ މަދީނާ އިންވެސްޓްމަންޓުގެ ފަރާތުން ބިނާކޮށްދޭ މިސްކިތެއް ކަމަށެވެ.

ޝަހީމް ވިދާޅުވީ އެތައް އަހަރެއް ވަންދެން ޓިނުން ހަދާފައިވާ ވަގުތީ މިސްކިތް ހުރި ތަނުގައި ބިނާކުރެވޭ މި މިސްކިތަކީ އިސްލާމީ ދިރާސާކުރަން ބޭނުންވާ ފަރާތްތަކާއި ކިޔަވާ ކުދިން ދެ ނަމާދު ދޭތެރޭ ކިޔަވަން ރިސާޗް ހަަދަން/އެސައިންމަަންޓް ހަދަން ތިބެވޭ ގޮތަށް ފުރިހަމަ ލައިބްރަރީއަކާ އެކު ދެ ބުރިއަށް ބިނާކުރާ މިސްކިތެއް ކަމަށެވެ.

މި މިސްކިތުގައި އެތެރެ އާއި ބޭރާއެކު 2،000 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން މި ފެށޭ މަހުގައި މި މިސްކިތުގެ ބިންގާ އަޅައި މަސައްކަތް ފަށާނެ. މި މިސްކިތަކީ ރިސާޗް ލައިބްރަރީއަކާ އެކު ޤާއިމު ކުރާ ފުރަތަމަ މިސްކިތް،" އޭނަ ވިދާޅުވި އެވެ. "އަދި މައުލޫމާތު ކުށްކަމުގައި ނުވާ ނަމަ ކީރިތި ރަސޫލާގެ އަނބިކަނބަލަކަށް ނިސްބަތްކޮށް ރާއްޖޭގައި ނަންދެވޭ ފުރަތަމަ މިސްކިތެއް."

ޝަހީމު ވިދާޅުވީ މި މިސްކިތް ވާނީ ފުރިހަމަ ސޯލާ ނިޒާމަކުން ކަރަންޓު ދެވި އޭސީ ކުރެވޭ މިސްކިތަކަށް ކަމަށެވެ.

"އަންހެނުންނަށް ވެސް ނަމާދު ކުރެވޭ ޖާގަ ހުންނާނެ. ޚާއްޞަ ފާޚާނާ ހުންނާނެ. މި މިސްކިތް އިން ޝާ ﷲ ދޮޅު އަހަރުން ނިމޭނެ." މިނިސްޓަރު ވިދާޅުވި އެވެ.