މިދިޔަ ސަރުކާރުގެ ދުވަސްވަރު ކުޅުދުއްފުށީގައި އެސްޓީއޯ އިން ހަދަން ނިންމި ފުށް ފެކްޓަރީ ނަހަދަން މިހާރު ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިކަމާ ގުޅޭ ގޮތުން އެސްޓީއޯގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އެގޮތަށް ނިންމީ ކުންފުނީގެ ބޯޑުން މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލެއްގެ ޖަވާބުގައި ޝިމާދު ވިދާޅުވީ އެންމެ ފަހުން ހެދި ފީސިބިލިޓީ ސްޓަޑީން ދައްކާ ގޮތުގައި ފުށް ފެކްޓަރީ އަކީ ފައިދާވާނެ ވިޔަފާރިއެއް ކަމަށް ނުފެންނާތީ އެ ވިޔަފާރީގެ ތެރެއަށް ނުވަނުމަށް ބޯޑުން ނިންމީ ކަމަށެވެ.
"ކުރިން ހެދި ފީސިބިލިޓީ އާއި، މިހާރުގެ ފީސިބިލިޓީ ހެދި އިރު މި އަންނަ ކޯސްޓުތަކާއި އަޅާ ބަލާއިރު، އެހާ ފީސިބަލް ކަމަކަށް ނުވާތީ މިހާރު އަޅުގަނޑުމެން ފުށް ފެކްޓަރީގެ މަސައްކަތް ކުރިއަށް ނުގެންދަން ބޯޑުން އޮންނާނީ ނިންމާފައި." އޭނަ ވިދާޅުވި އެވެ.
ކުޅުދުއްފުށުގައި ފުށް ފެކްޓަރީ ހަދަން ނިންމައި އެކަމާ ގުޅޭ ސާވޭތަކެއް ވެސް 2022 ގެ ތެރޭގައި ހަދާފައިވެ އެވެ. އޭރު އެސްޓީއޯގެ އެމްޑީއަކަށް ހުންނެވި ހުސައިން އަމްރު ވިދާޅުވީ ފުށް ފެކްޓަރީ ހަދަން ފަންޑް ވެސް ހަމަޖެހިފައި އޮތް ކަމަށެވެ.
Was pleased visit Kulhudhuffushi City today to finalise location of the @stoplc flour mill which is aimed towards food security, lowering costs & generating job opportunities in the region.
Thank Mayor @ArthifKFCity and @kfcitycouncil for warm hospitality & support pic.twitter.com/gAEJezKKrS— Amr 🎈 (@HusenAmr) April 12, 2022
އެސްޓީއޯގެ މިހާރުގެ އެމްޑީ ޝިމާދު ވިދާޅުވީ ފުށް ފެކްޓްރީ ނަހަދަން ނިންމި ނަމަވެސް އާ ވިޔަފާރިތަކުގެ ތެރެއަށް ވަންނަން ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ބަންކަރިންގެ ޚިދުމަތް އަންނަ މަހުގެ ތެރޭގައި ފެށުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.