Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

އިމާމުވެ ނަމާދުކުރާނެ ދަރިވަރުން ފޭދޫގައި ތަމްރީނު ކުރަނީ

ދަރިވަރުންނަށް އިމާމުވެ ނަމާދުކުރަން ދަސްކޮށްދޭ ކޯހެއް "ނަމާދު ކިލާސް" ގެ ނަމުގައި ފޭދޫގައި އިފުތިތާހުކޮށްފި އެވެ.

ފޭދޫ އަވަށު އޮފީހުގެ ކައުންސިލް އެގްޒެކެޓިވް ހަސަން ޒަރީރުގެ އިސް ނެންގެވުމަކަށް އެ އަވަށު މަސްޖިދުލް މުނައްވަރުގެ އިމާމު މުހައްމަދު ޝަފީގާ ގުޅިވަޑައިގެން އިންތިޒާމުކުރި ކޯސް ފެެށުމުގެ ހަފުލާ އޮތީ މިއަދު ހަވީރު ފޭދޫ ސްކޫލްގަ އެެވެ. އޭނަ ވިދާޅުވީ "ނަމާދު ކިލާހު" ގެ އަމާޒަކީ ފޭދޫގައި އިމާމުވެ ނަމާދުކުރާ މީހުން މަދުކަން ފާހަގަކުރެވޭތީ އެކަމަށް ބޭނުންވާ ދަރިވަރުން ތަމްރީނު ކުރުން ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ތަމްރީނު ކުރެވޭ ދަރިވަރުންނަކީ ކުރިމަގުގައި އިމާމުވެ ނަމާދު ކުރަން ފުރުސަތު ލިބޭނެ ދަރިވަރުން ކަމަށް ވިދާޅުވި އެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކޯހުގެ ފުރަތަމަ ބުރުގައި ހަ ދަރިވަރަކު ބައިވެރިވެފައިވެ އެވެ. މި މަހުގެ 26 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހިންގާ "ނަމާދު ކިލާސް" ކުރިއަށް ގެންދަން ނިންމާފައި ވަނީ ހަފުތާއަކު ތިން ދުވަހު މަސްޖިދުލް މުނައްވަރުގަ އެވެ.

މި ކޯހުގައި ނަމާދުގެ ފިގުހީ ބައިތައް ދަރިވަރުންނަށް ނަންގަވައި ދެއްވާނީ އައްޑޫގެ ޝައިހެއް ކަމަށްވާ އަހުމަދު ނާޒިހެވެ.

"ނަމާދު ކިލާސް" ދެށުމުގެ ހަފުލާގައި ޝައިހް ވިދާޅުވީ މިކަމަކީ އިމާމުވެ ނަމާދު ކުރާނެ ޒުވާނުން ތަމްރީނު ކުރަން ހިންގޭ ވަރަށް މުހިއްމު ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން ނަމާދާ ގުޅޭ ވަރަށް ގިނަ ކަންކަން ކޯހުގެ ތެރޭގައި ދަރިވަރުންނަށް ދަސްވެގެން ދާނެ ކަމަށް ވިދާޅުވި އެެވެ.

"ކޮންމެ ކުއްޖަކީ ވެސް ތަފާތު ދާއިރާއަކުން ކުރިއަށް ދާން ބޭނުން ވާނެ ދަރިވަރަކަށްވާ އިރު، ދީނުގެ އެންމެ މައިގަނޑު އަޅުކަން ކަމަށްވާ ނަމާދަށް ކުދިން އަހުލުވެރިކޮށް، އިމާމުވެ ނަމާދު ކުރާނެ ޒުވާން ކުދިން އުފެއްދުމަކީ މިއަދު މުޖުތަމައަށް ވަރަށް ބޭނުންވެފައި އޮތް ކަމެއް،" ނާޒިހު ވިދާޅިުވި އެވެ. "އުންމީދަކީ މި ފެށޭ ޕްރޮގްރާމްގެ ސަބަބުން އިމާމުވެ ނަމާދު ކުރާނެ ޒުވާން ޖީލަކަށް މަގުފަހިވާނެ ކަމަށް."

ޝައިހް ވިދާޅުވީ މަދު ދަރިވަރުންތަކެއް ބައިވެރިކޮށްގެން ކޯސް ކުރިއަށް ގެންދަން ނިންމި ސަބަބަކީ އެ ދަރިވަރުންނަށް ދޭން ޖެހޭ ވަގުތާއި ސަމާލު ކަމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާތީ ކަމަށެވެ.

"އެއްފަހަރާ ގިނަ ދަރިވަރުންތަކެއް ބައިވެރިކޮށްގެން ކޯސް ކުރިއަށް ގެންދާ ނަމަ އެ ކުދިންނަށް ދޭންވާ ސަމާލުކަން ކުޑަވެދާނެތީ މަދު ކުދިންތަކެއް ބައިވެރިކޮށްގެން ކޯސް ކުރިއަށް ގެންދަން ނިންމީ،" ނާޒިހު ވިދާޅުވި އެވެ. "ސިލްސިލާކޮށް ނަމާދު ކިލާސް ކުރިއަށް ގެންދާނީ ވެސް ހަމަ އެގޮތަށް."

ފޭދޫ އަވަށު އޮފީހުގެ އެހީތެރިކަން ވެސް ލިބިގެން ހިންގާ ކޯސް ހަފުތާގެ ތިން ދުވަހު ކުރިއަށް ގެންދަން ނިންމީ، ބައިވެރިވާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނާ ވާހަކަ ދެއްކުމަށް ފަހު، ފަސޭހަ ގަޑިތަކެއްގައި ކުރިއަށް ގެންދާ ގޮތަށެވެ.