Last Updated: September 8, 06:17
Sunday, September 8, 2024
ރިޕޯޓް

ނަސްލީ ތަފާތުކުރުން ނައްތައިލީ އިސްލާމް ދީން

މާތް ﷲ އެކިއެކި އިންސާނުން ޚަލްޤުކުރައްވައި، އެބައިމީހުން ލައްވައިފައިވަނީ އެކިއެކި ތަންތަނަށާއި އެކިއެކި ނަސްލުތަކަށެވެ. އެބައިމީހުންނަކީ ޖަހާއި މަންޞަބާއި ހަސަބާއި ނަސަބާއި ތަނަވަސްކަމާއި މޮޅުކަމާއި މިހިރަމިހިރަ އެތައް ކަމެއްގައި ތަފާތު ބައެކެވެ. މި ގޮތަށް މާތް ﷲ އިންސާނުން ލެއްވުމުގެ އެންމެ ބޮޑު ޙިކުމަތަކީ އެބައިމީހުން އިމްތިޙާނުކުރެއްވުމެވެ. އެއީ އެއްވެސް ހާލެއްގައި އެ މީހެއްގެ މޮޅުދެރަކަމަކާ ގުޅިފައިވާ ކަމެއް ނޫނެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމުގެފާނާއި، ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި ޤަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކަށް ތަޢާރަފުވުމަށް ޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ ޙަޟްރަތުގައި ތިޔަބައިމީހުން ކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުން ކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން، اللَّهއީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ." (سورة الحجرات:13)

މި އާޔަތުން ސާފުކޮށް ދޭހަވަނީ، މީހާގެ ކުލައަކުން އޭނާ މަތިވެރިއެއް ނުވާ ކަމެވެ. މީހާ ނިސްބަތްވާ ޤައުމަކުން އޭނާ މަތިވެރިއެއް ނުވާ ކަމެވެ. މީހާގެ ޖާހާއި މަންޞަބުގެ ސަބަބުން އޭނާ މަތިވެރިއެއް ނުވާ ކަމެވެ. އޭނާ މަތިވެރިވަނީ މާތް ﷲއަށް ތަޤްވާވެރިވެ، އޭނާގެ ހުރި މަތިވެރި އަޚްލާޤެއްގެ ސަބަބުން ކަމެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. މާނައީ: " އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރި ރައްބަކީ އެއްކައުވަންތަ ފަރާތެއް ނޫންތޯއެވެ. (އެބަހީ، އެއްކައުވަންތަ މާތް ﷲ ނޫންތޯއެވެ؟) އަދި ތިޔަބައިމީހުންގެ ބައްޕައަކީ އެކެއް ނޫންތޯއެވެ؟ (އެބަހީ، އާދަމުގެފާނު ނޫންތޯއެވެ؟)، ހަމަކަށަވަރުން ޢަޖަމީއެއްގެ (އެބަހީ، ޢަރަބި ނޫން ނަސްލެއްގެ މީހެއްގެ) މައްޗަށް ޢަރަތްބަކަށް މޮޅުކަމެއް ލިބިގެނެއް ނުވެއެވެ. އަދި ޢަރަތްބެއްގެ މައްޗަށް ޢަޖަމީއަކަށް ވެސް މޮޅުކަމެއް ލިބިގެނެއް ނުވެއެވެ. އަދި ދޮން މީހަކަށް ކަޅު މީހެއްގެ މައްޗަށް މޮޅުކަމެއް ލިބިގެނެއް ނުވެއެވެ. އަދި ކަޅު މީހަކަށް ދޮން މީހެއްގެ މައްޗަށް މޮޅުކަމެއް ލިބިގެނެއް ނުވެއެވެ. ތަޤްވާވެރިކަމުގެ މައްޗަށް މެނުވީއެވެ." (رواه أحمد بإسناد صحيح)

ބިލާލުގެފާނަކީ ޙަބުޝްކަރައިގެ، ހަމުގެ ކުލަ ކަޅު، ޤުރައިޝުންގެ އަޅެއްގެ ގޮތުގައި ހުންނެވި ބޭކަލެކެވެ. އެހެނަސް އިސްލާމްދީން ފާޅުވުމުން ބިލާލުގެފާނު އިސްލާމްވެވަޑައިގަތެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތުމުން އެކަލޭގެފާނުގެ ސާހިބުމީހާ އެކަލޭގެފާނަށް އެތަކެއް އަނިޔާއެއް ދެމުން ދިޔައެވެ. އެ ތަން ފެނިވަޑައިގެން އަބޫބަކުރުގެފާނު އެކަލޭގެފާނު މިނިވަންކުރެއްވިއެވެ. އެއަށް ފަހު ބިލާލުގެފާނު ވެވަޑައިގެންފައިވަނީ ވަރަށް މަތިވެރި ޞަޙާބީ ބޭކަލަކަށެވެ. މާތް ނަބިއްޔާ صلى الله عليه وسلمގެ އެންމެ އަރިސް މުއައްޒިނަށެވެ. މައްކާ ފަތަޙަކުރެއްވުނު ދުވަހު ކަޢުބަތުﷲ ގެފުޅު މައްޗަށް އަރައިވަޑައިގެން ބަންގި ގޮވައިލެއްވުމުގެ ފުރުޞަތު ވެސް ނަބިއްޔާ ދެއްވީ ބިލާލުގެފާނަށެވެ.

މިއީ މި ޒަމާނުގައި މި ކިޔާ "ރޭސިޒަމް" ނުވަތަ ނަސްލީ ތަފާތުކުރުން އިސްލާމްދީން ނައްތައިލައިފައިވާ ގޮތެވެ.

ނޯޓް: މިއީ ޝައިޚް ޝަފީޢު ޢަބްދުﷲ ގެ ލިޔުއްވުމެކެވެ.