Last Updated: November 28, 10:42
Thursday, November 28, 2024
މުނިފޫހިފިލުވުން

"ފުރޭތަ" އަކީ ޓްރިލޮޖީއެއް، ދެން އޮތީ "ލޭ"

ޑާކް ރެއިން އެންޓަޓައިންމަންޓުން މާޗް މަހު ގެނެސްދިން ކާމިޔާބު ފިލްމު "ފުރޭތަ" އަކީ ޓްރިލޮޖީއެއް ކަމަށާއި މީގެ ކުރިއަށް އޮތް ބަޔަކީ "ލޭ" ކަމަށް އެ ސްޓޫޑިއޯ އިން ބުނެފި އެވެ.

އަދި މީގެ ތިން ވަނަ ބަޔަކަށް ވާނީ "މަރަށް މަރު" އެވެ.

މާޗް 4 ގައި އޮލިމްޕަހުގައި ޕްރީމިއާކުރި "ފުރޭތަ" އަކީ އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރި ރިވެންޖް އެކްޝަން ތުރިލާއެކެވެ. މީގެ ކާމީޔާބީއާ ގުޅިގެން ޑާކް ރެއިނުން މިހާރު އަންނަނީ އަންނަ މަހުގެ ތެރޭގައި އާ އެކްޝަން ތުރިލާއެއްގެ ޝޫޓިން ފަށަން ވެސް ތައްޔާރުވަމުންނެވެ.

އެކަމަކު އޭގެ ވާހަކަ އެއްފަރާތްކޮށްފައި "ފުރޭތަ" ގެ ވާހަކައަށް ދައްކަމާ ހިނގާށެވެ. މި ފިލްމުގެ ޕޯސްޓް ކްރެޑިޓްގައި ވެސް ފިލްމުގެ އިތުރު ބައެއް އަދި ކުރިއަށް އެބައޮތްކަމުގެ އިޝާރާތެއް ދީފައިވެ އެވެ. އެއީ މުހައްމަދު ރިފްޝާން (ރިއްޕެ) ކުޅުނު އިއްސެގެ ކެރެކްޓާއާ ގުޅުވައިގެންނެވެ.

އެގޮތުން ޑާކް ރެއިންގެ މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައިވާ ގޮތުން ރިއްޕެ އަށް އޮތީ ޑަބަލް ރޯލެކެވެ. އެހެންވެ ދެވަނަ ބައި "ލޭ" ގައި އޭނަ ފެންނާނީ އިއްސެގެ އެއްމާބަނޑު ބޭބެ ރޫހުގެ ރޯލުންނެވެ. މިއީ "ފުރޭތަ" ގެ އިއްސެ ކެރެކްޓާ ގޮތަށް ވަރަށް "ނުރައްކާތެރި" ރޯލަކަށް ވާނެ އެވެ. ސަބަަބަކީ ރޫހުގެ ކެރެކްޓާ ފެށިގެން އަންނާނީ ޖަލުގެ ތޭރިތަކުގެ ފަހަތުން ކަމަށްވާތީ އެވެ. ބެލުންތެރިންޖެހިލުންވާ ކަހަލަ ލުކެއްގައި ރޫހު ދައްކާލާފައި ވަނީ ވެސް ޖަލު ޔުނިފޯމްގަ އެވެ.

އެހެންވެ ޔަގީނުން ވެސް "ލޭ" ގައި އެ ކެރެކްޓާ ނިއުޅިގެން އަންނާނެ ގޮތް ބަލައިލަން ބެލުންތެރިން ވަރަށް ޝައުގުވެރިވާނެ އެވެ. އެކަމަކު އަދި "ދިގު އިންތިޒާރީއެއް" ކުރަން ޖެހިދާނެ އެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) "ލޭ" ގެނެސްދޭނީ ތަންކޮޅެއް ފަހުން ކަމަށެވެ. މި ވަގުތު ޑާކް ރެއިންގެ ޓީމް އޮތީ އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީކޮށެވެ.

ނަމަވެސް އެ ސްޓޫޑިއޯ އިން ދޭ ޔަގީން ކަމަކީ "ލޭ" ގެނެސްދިނުމަށް ފަހު އޭގެ ފަހުން "މަރަށް މަރު" ވެސް ގެނެސްދީފައި ނޫނީ "ފުރޭތަ" ގެ މުޅި ވާހަކަ ނިންމައިނުލާނެ ކަމެވެ.

"ފުރޭތަ" އަކީ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގު، މުހައްމަދު މަނިކު، އަހުމަދު ސައީދު ހަމްދާން ފާރޫގް، އާދަމް ރިޒްވީ، އައިމިނަތު އަސީލާ، ސޫޒަން އިބްރާހީމްފުޅު، އަހުމަދު ޝާކިރު ޝާއްކޮ (އައްމަޑޭ) އަދި އަހުމަދު ނާޝިތު ފަދަ ފަންނާނުން ފެނިގެން ދިޔަ ފިލްމެކެވެ.