Last Updated: March 11, 15:50
Tuesday, March 11, 2025
ޚަބަރު

އާނަންތުގެ ކައިވެނި ހަފުލާގައި ނަޝީދު

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އާނަންތު އަމްބާނީގެ ކައިވެނީގެ ހަފްލާއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންފި އެވެ.

މި އަހަރުގެ ކުރީކޮޅުން ފެށިގެން މި ކައިވެންޏާ ގުޅޭ ތަފާތު ހަފުލާތައް ބާއްވަމުން އަންނަ އިރު، ރޭ ކައިވެނީގެ ރަސްމީ ހަފުލާ ބޭއްވީ މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގަ އެވެ.

އެ ހަފުލާގައި މުޅި ބޮލީވުޑް ބައިވެރިވެފައިވާ އިރު، އިންޑިއާގެ ސިޔާސީ ދާއިރާގެ ބޭފުޅުންނާއި ކުޅިވަރު ޝަހުސިއްތުންނާއި ނުފޫޒު ގަދަ އެތައް ވިޔަފާވެރިންނެއް ވެސް ބައިވެރިވެ އެވެ. މީގެ އިތުރުން އިންޑިއާ އިން ބޭރުގެ ނުފޫޒު ގަދަ އެތައް ބަޔަކު ވެސް އާނަންތު، 29، އާއި ބައިވެރިޔާ ރާދިކާ މާޗަންޓް، 29، ގެ ކައިވެނީގެ ހަފުލާގައި ބައިވެރިވި އެވެ.

އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރުން ކަމަށްވާ ބޮރިސް ޖޯންސަނާއި ޓޯނީ ބްލެއާ އަދި އެމެރިކާގެ މަޝްހޫރު ސެލެބްރިޓިން ކަމަށްވާ ކިމް ކާޑޭޝަން އާއި ކްލޯއީ ކާޑޭޝަންގެ އިތުރުން ފިލްމީ ތަރި ޖޯން ސީނާ ފަދަ އެތައް ބަޔަކު ހިމެނެ އެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ހަފުލާގައި ބައިވެރިވަޑައިގަތެވެ.

މި ހަފްލާގައި ނަޝީދު ބައިވެރިވެވަޑައިގެން ނަގާފައިވާ ވީޑިއޯއެއް އެމަނިކުފާނުގެ ނުރަސްމީ އެކައުންޓު ކަމަށްވާ "މުހައްމަދު ނަޝީދު އަންއޮފިޝަލް" އެކައުންޓުގައި ވަނީ ހިއްސާކުރައްވާފަ އެވެ.

އާނަންތ އާއި ރާދިކާގެ ކައިވެނީގެ ރަސްމީ ހަފުލާ ރޭ ބޭއްވި އިރު، މި ކައިވެނީގެ ހަރަކާތްތައް އެއްކޮށް ނިންމައިލަން ހަމަޖެހިފައި ވަނީ ހޯމަ ދުވަހު އެވެ.

ކައިވެންޏަށް ކުރި ހަރަދާ ބެހޭ ގޮތުން އަމްބަނީގެ އާއިލާ އިން އެއްޗެއް ނުބުނެ އެވެ. އަމްބާނީގެ މިލްކިއްޔާތު 116 ބިލިއަން ޑޮލަރަށް އަރަ އެވެ. އަދި އޭނަ އަކީ ދުނިޔޭގައި 11 ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ.

އާނަންތު އަކީ މުކޭޝް އާއި ނީތާ އަމްބާނީގެ ތިން ކުދިންގެ ތެރެއިން ހަގު ކުއްޖާ އެވެ. އަނެއް ދެ ކުދިންނަކީ އެއްމާބަނޑު ދެބެއިން ކަމަށްވާ 32 އަހަރުގެ އާކާޝް އަމްބާނީ އާއި އީޝާ އަމްބާނީ އެވެ. އެ މީހުން ކައިވެނިކޮށް ދަރިން ވެސް ލިބިފައިވެ އެވެ.