އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި ކެމްޕޭނު ރެލީއަކަށް ބަޑީގެ ހަމަލާތަކެއް ދީފި އެވެ.
މިއަހަރު ފަހުކޮޅު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޓްރަމްޕްގެ ރެލީ އިއްޔެ ބޭއްވީ ޕެންސިލްވޭނިއާގަ އެވެ. ކެމްޕޭނު ރެލީ ކުރިއަށް ދަނިކޮށް ބަޑީގެ ހަމަލާތައް ދީފައިވަނީ ޓްރަމްޕް ވާހަކަދައްކަން ސްޓޭޖަށް އަރާ ހުއްޓަ އެވެ. ބަޑީގެ ހަމަލާތަކާ އެކު ސެކިއުރިޓީން ވަނީ ޓްރަމްޕް ވަށާލައި އޭނާ ރައްކާތެރިކަމާ އެކީ އެ ސަރަހައްދުން ގެންގޮސްފަ އެވެ.
އެ ސަރަހައްދުން ޓްރަމްޕް ގެންދިޔައިރު އޭނާގެ ކަންފަތުން ލޭ ފައިބާފައި ހުރި މަންޒަރު ފެންނަން ހުއްޓެވެ. މިއީ ބަޑީގެ ހަމަލާއާ ގުޅިގެން ބުރައިގެންދިޔަ ބިއްލޫރިތަކެއްގެ ސަބަބުން ޓްރަމްޕްގެ ކަންފަތަށް ލިބުނު އަނިޔާއެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެމެރިކާގެ ސީކްރެޓް ސާވިސް އިން ބުނީ ޓްރަމްޕްގެ ހާލު ރަނގަޅު ކަމަށާއި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި މި ހަމަލާ ދިން ފަރާތް މިހާރު މަރާލާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ،
މި ހަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ މިފަދަ ހަމަނުޖެހުންތަކަކަށް އެމެރިކާގައި ޖާގައެއް ނޯންނާނެ ކަމަށާއި މުޅި އެމެރިކާ އެކީ އެއްބައިވެ، މިފަދަ ކަންކަން ކުށްވެރިކުރަންޖެހޭ ކަމަށެވެ.
މި ހަމަލާގެ ތަހުގީގު ކުރިއަށްދާއިރު، އެމެރިކާގެ ސިޔާސީ އެކި ފަރާތްތަކާއި ގައުމުތަކުގެ ލީޑަރުން އަންނަނީ މި ހަމަލާ ކުށްވެރިކުރަމުންނެވެ.