މިއީ ގާނޫނު އަސާސީ ބަދަލުކުރަން ޖެހޭ ވަގުތު ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު ސިޓީގައި ރޭ ޑިމޮކްރެޓުން ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ހަސަން ވިދާޅުވީ ގާނޫނު އަސާސީ ބަދަލުކުރަން ޖެހިފައިވާ ކަމަށާއި މުޅި ދައުލަތް ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށްފަހު، އެ ބަދަލުތައް ގާނޫނު އަސާސީ އަށް އަވަހަށް ގެނައުމަކީ މިވަގުތު ރާއްޖެ އަށް ބޭނުންތެރި ކަމެއް ކަމަށެވެ.
އަދި އިންތިހާބުތައް އެއްކޮށްލުމުން ވާނެތޯ ގޮތާއި، ރާއްޖެ ފަދަ ގައުމަކަށް ސަރުކާރެއް ހިންގަން އެންމެ ރަނގަޅީ ކޮން ނިޒާމެއްތޯ އާއި ސަރުކާރެއް މިހާ ބުރަބޮޑު ވެފައި އޮތުން ފަދަ ކަންކަމާ ގުޅޭގޮތުން ވީ އެންމެ އަވަހަކަށް މަޝްވަރާތައް ފަށަންޖެހޭ ކަމަށް ހަސަން ވިދާޅުވި އެވެ. ރާއްޖޭގައި ފާއިތުވި ތަނުގައި ބޭއްވި އިންތިހާބުތަކުގެ ނަތީޖާތަކަށް ބަލާއިރު މުޅި ދައުލަތުގެ ނިޒާމު ބަދަލުކުރަން ފެންނަ ކަމަށް ރައްޔިތުން ބުނާ ކަމަށްވެސް ވިދާޅުވި އެވެ.
ގާނޫނު އަސާސީ އަށް އިސްލާހުތަކެއް ގެންނަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން އިއުލާން ކުރައްވާފައިވާއިރު، ހަސަން ވިދާޅުވީ އެ މަސައްކަތުގައި ޑިމޮކްރެޓުން ފުރިހަމަ އަށް ބައިވެރިވާން ބޭނުންވާ ކަމަށާއި އެ ފުރުސަތު ދެއްވުމަށް ރައީސް މުއިއްޒުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
"އެންމެފަހުން ގާނޫނު އަސާސީ އެކުލަވާލިއިރު އެތައް ބައިވަރު ރައްޔިތުންގެ މަޝްވަރާ އާއި ލަފަޔާއެކީގައި އެކަން ވަނީ ކޮށްފައި. އަނެއްކާވެސް މިއީ އެ ވަގުތު. ރައީސުލްޖުމްހޫރިއްޔާ އިސް ނަންގަވައިގެން މިވަގުތު އެކަން ކުރެއްވުމަކީ ވަރަށް ބޭނުންތެރި ކަމެއް،" ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ ދައުލަތުގެ ދަރަނި ހުރި ހިސާބާއި ސަރުކާރު ދާ މިސްރާބު ވަރަށް ސާފު ކަމަށާއި ދައުލަތް ގޮސް އުރިގެންދާތަން ބަލަން ޑިމޮކްރެޓުން ނުތިބޭނެ ކަމަށެވެ. އެގޮތުން ސަރުކާރަށް އެއްބާރުލުން ދޭންޖެހޭ ތަންތަނުގައި އެއްބާރުލުންދޭނެ ކަމަށާއި ނަމަވެސް ޑިމޮކްރެޓުން ނޭދޭ ހަމަތަކެއް އަންނަ ނަމަ އެކަން އެ ޕާޓީން ފާހަގަކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.