Last Updated: September 8, 06:39
Sunday, September 8, 2024
ދުނިޔެ

ރެފިއުޖީ ކޭމްޕަކަށް ހަމަލާ، 90 މަރު

ފަލަސްތީނުގެ ގާޒާގެ ރެފިއުޖީ ކޭމްޕަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ގިނަ ބަޔަކު ޝަހީދުކޮށްލައިފި އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ ގާޒާގެ އަލް މަވާސީ ރެފިއުޖީ ކޭމްޕަށް ދިން މި ހަމަލާގައި 90 މީހަކު ޝަހީދުވެ 300 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

މި ރެފިއުޖީ ކޭމްޕު ހުރި ސަރަހައްދަށް އިޒްރޭލުން ވައިގެ ހަމަލާތައް ދީފައިވަނީ ހަމާސް ޖަމާއަތުގެ އިސް ލީޑަރެއް ކަމަށްވާ މުހައްމަދު ޟައީފް އަދި އޭނާގެ ޑެޕިއުޓީ، ރަފާ ސަލާމާ އަށް އަމާޒުކޮށެވެ. ނަމަވެސް މި ހަމަލާތަކުގައި އޭގެއިން އެއްވެސް މީހަކު ޝަހީދުވި ކަމެއް އެނގިފައެއް ނުވެ އެވެ.

ހަމަލާ އަމާޒުކުރި ރެފިއުޖީ ކޭމްޕު ހުރި ސަރަހައްދަކީ ސަލާމަތުން ތިބެވޭނެ "ސޭފް ޒޯނެއް" ކަމަށް އިޒްރޭލުން ކަނޑައަޅާފައިވާ ސަރަހައްދެކެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 38،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ވަނީ ގޮސްފަ އެވެ. އަދި ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.

އިޒްރޭލުން ދަނީ ބައިނަލްއަގުމާވީ ދުނިޔެއިން ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށް ދޭން ކުރަމުން އަންނަ މަސައްކަތްތައް ވެސް ހުއްޓުމެއް ނެތި ހުރަސް އަޅަމުންނެވެ. މީގެ ސަބަބުން ކާނާ އާއި ފެނާއި ބޭސް ފަދަ ތަކެއްޗާ އެކީ ފަލަސްތީނަށް ނުވަދެވި، އެހީގެ އެތައް ގާފިލާއެއް އެބަތިއްބެވެ.