Last Updated: September 8, 06:39
Sunday, September 8, 2024
ކުޅިވަރު

ވައްތަރު މީހާއާ ބައްދަލު ކުރަން ފެޑެރާ ބޭނުން!

ފެޑެރާ އަދި އަރްބާޒް.

ވައްތަރު ކަމަށް ވަރަށް ގިނަ ބަޔަކު ބުނާތީ، އިންޑިއާގެ އެކްޓަރު އަރްބާޒް ޚާނާ ކޮންމެވެސް ދުވަހަކުން ބައްދަލުވާނެ ކަމަށް އުންމީދުކުރާ ކަމަށް ސްވިޓްޒަލޭންގެ ޓެނިސް ލެޖެންޑް، ރޮޖާ ފެޑެރާ ބުނެފި އެވެ.

އޭނަގެ ޑޮކިއުމަންޓަރީ ވެސް މިދިޔަ މަހު ގެނެސްދިން އެމެޒޯން ޕްރައިމް ވީޑިއޯ އިން އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯ ޕޯސްޓެއްގައި ރޮޖާ ބުނީ އަރްބާޒާ އޭނަ ވައްތަރު ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ ދެ މީހުންގެ ސިފަތައް އެއްގޮތްކަން ފާހަގަކޮށް އެ ވާހަކަ ވަރަށް ގިނައިން ދައްކާ ތަން ފެންނަ ކަމަށެވެ. އަދި އެކަން ވަނީ މަޖާ ކަމަކަށް ކަމަށް ވެސް ފެޑެރާ ބުންޏެވެ.

"އެހެންވެ އުންމީދު ވެސް ކުރަން ކޮންމެވެސް ދުވަހަކުން އޭނައާ ބައްދަލުވާނެ ކަމަށް."ވީޑިއޯގައި އޭނަ ބުނެ އެވެ.

އަރްބާޒަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ސަލްމާން ޚާންގެ އެއްބަނޑު އެއްބަފާ ކޮއްކޮއެކެވެ. ރޮޖާއާ އަރްބާޒް ވައްތަރު ކަމަށް ބުނެ އިންޑިއާގައި ވެސް ބައެއް މީހުން އެ ވާހަކަ ދައްކަ އެވެ. އަދި ބައެއް ޓީވީ ޝޯތަކުގައި ވެސް ފެޑެރާއާ ގުޅުވައި އަޒްބާޒާ ދިމާކޮށްފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ އިޝްތިހާރެއްގައި ޚުދު އަރްބާޒް، ފެޑެރާގެ "ރޯލު" ކުޅެފައިވާ ކަމެވެ.