Last Updated: October 18, 11:00
Friday, October 18, 2024
ކުޅިވަރު

ސްޕެއިނުން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފި

އިންގްލެންޑް 2-1 އިން ބަލިކުރުމަށް ފަހު ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕެއިނުން ކާމިޔާބުކޮށްފި އެވެ.

މިއީ ޔޫރޯގެ ޗެމްޕިއަންކަން ސްޕެއިން ހޯދި ހަތަރުވަނަ ފަހަރެވެ. އެޓީމަކީ މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ޓީމެވެ.

މިއީ ޔޫރޯގެ ފައިނަލުގައި އިންގްލެންޑުން ޖެހިޖެހިގެން ބަލިވި ދެވަނަ ފައިނަލެވެ. މީގެ ކުރިން 2021 ގައި ބޭއްވި 2020 ގެ ޔޫރޯގެ ފައިނަލުގައި އިންގްލެންޑް އަމިއްލަ ދަނޑުގައި ކުޅެ ބަލިވީ އިޓަލީ އަތުންނެވެ.

ޖަރުމަނުގެ ވެރިރަށް ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ސްޕެއިނުން ވަނީ ލީޑު ނަގާފަ އެވެ. ޔަމީން ޔަމާލް ދިން ޕާހަކުން އިންގްލެންޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން މި ގޯލު މެޗުގެ 47 ވަނަ މިނެޓްގައި ސްޕެއިނަށް ކާމިޔާބުކޮށްދިނީ ނިކޯ ވިލިއަމްސް އެވެ.

މި ގޯލަށް ފަހު ވެސް ސްޕެއިނަށް ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން އޮލްމޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު އަލްވަރޯ މޮރާޓާ ފޮނުވާލި ހަމަލާ ގޯލަށް ވަނުމުގެ ކުރިން ދިފާއުކުރީ އިންގްލެންޑްގެ ޑިފެންޑަރު ޖޯން ސްޓޯންސް އެވެ.

ސްޕެއިނުން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގެ 73 ވަނަ މިނެޓްގައި އިންގްލެންޑުން އުފެއްދި ކައުންޓަ އެޓޭކެއްގައި ކޯލް ޕާމާ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ދެވަނަ ހާފުގައި ކުޅެން އެރި ޕާމާ މި ގޯލު ކާމިޔާބު ކުރީ ސްޕެއިންގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މި ގޯލަށް ފަހު އިންގްލެޑުން ޑިފެންސަށް ފައިބައިގެން ކުޅެން ފެށުމުގެ ނަތީޖާއަކަށްވީ މެޗުގެ 86 ވަނަ މިނެޓްގައި މިކޭލް އޮޔާޒަބާލް ސްޕެއިންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމު މި މެޗުން މޮޅުވި ގޯލު ކާމިޔާބުކޮށްދިނުމެވެ. އޮޔާޒަބާލް މި ގޯލު ކާމިޔާބު ކުރީ މާކް ކުކުރެލާ ތިރިން ނަގައިދިން ހުރަހަކުންނެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ އިންގްލެންޑްގެ ޑެކްލަން ރައިސް ނުރައްކާތެރި ހަމަލާއެއް ސްޕެއިންގެ ގޯލަށް ފޮނުވާލި ނަމަވެސް ގޯލުގެ ހުރަސް ރޮގުމަތިން އެ ހަމަލާ ދިފާއުކުރީ ސްޕެއިންގެ އޮލްމޯ އެވެ.