ބިދޭސީ މަސައްކަތްތެރިންނަށް އެކޮމޮޑޭޝަން އަޅަން ޕްރޮޕޯސަލް ލިބުނު ނަމަވެސް އެކަން ކުރާނީ ކުންފުނީގެ ހުށަހެޅުންތައް އިކޮނޮމިކް ކައުންސިލަށް ލިބުމުން، އެ ކަންކަމަށް އެ ކައުންސިލުން އެއްބަސްވާނަމަ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.
އިސްކަންދަރު ކޮށީގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން ބައިތިއްބަން އެކޮމޮޑޭޝަން ބްލޮކުތަކެއް އެޅުމުގެ ޕްރޮޕޯޒަލެއް ސަރުކާރަށް ލިބިފައިވާ ކަމަށާއި އެ ހުށަހެޅުން ހުށަހަޅާފަ އިވަނީ މެލޭޝިޔާގެ ކުންފުންޏެއް ކަމަށްވާ އަޓައިލްޒް އިން ކަމަށެވެ.
އެކަމަކު މިއީ އަންސޮލިސިޑެޓް ނުވަތަ އެ ކުންފުނިން އިސްނަގައިގެން ހުށަހެޅި ޕްރޮޕޯޒަލެއްކަން މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މާޗް އެކެއްގައި ލިބެނީ އަންސޮލިސިޓެޑް ޕްރޮޕޯސަލްއެއް. މެލޭޝިއާގެ އަޓްލްޒިއާ ކުންފުނި ނަމަކަށް ކިޔާ ކުންފުންޏެއް އެ ކުންފުނިން އަޅުގަނޑުމެން ޕްރޮޕޯސްކޮށްފައިވަނީ ނެޝަނަލް މައިގްރެންޓް ވޯކާޒް ޑޯމިޓޮރީސް،" އިހުސާން ވިދާޅުވި އެވެ. "އެއީ ބިދޭސީ މަސައްކަތްތެރިން، ހާއްސަކޮށް އަންސްކިލްޑް ލޭބާ ކެޓަގަރީގައި މިކިޔާ މަސައްކަތްތެރިން ރާއްޖެ އައިސް މަސައްކަތް ކުރާއިރު އެމީހުން އެކަމަޑޭޝަންގެ ބްލޮކްސްތަކެއް އެޅުމުގެ ވާހަކަ"
އެ ކުންފުނީގެ ޕްރޮޕޯޒަލްގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި 60،000 މީހުންގެ އެކަމޮޑޭޝަން ބްލޮކުތަކެއް އެޅުމަށް ހުށަހަޅާފައިވެ އެވެ. އެއީ މާލެ، ހުޅުމާލޭގެ ދެ ފިޔަވަހީގެ އިތުރުން ތިލަފުށީގަ އެވެ. އެތަންތަނުގައި އޭޓީއެމް، ކްލިނިކް، ލޯންޑްރީ، ބަދިގޭގެ އިތުރުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށް ދިނުމާއި އަދި އެތަނުގައި އުޅޭ ބިދޭސީންގެ ހުރިހާ މައުލޫމާތެއް ހިމެނޭ ސޮފްޓްވެއާ ސިސްޓަމެއް ވެސް ސަރުކާރަށް ދޭނެ ކަމަށް ކުންފުނިން ހުށަހެޅި ޕްރޮޕޯޒަލުގައިވެ އެވެ.
މިނިސްޓަރ ވިދާޅުވީ އެ ޕްރޮޕޯޒަލް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓް މޯލްޑިވްސްއަށް އިވޭލުއޭޓް ކުރަން ފޮނުވީ މެއި މަހުގެ 13 ގައި ކަމަށެވެ. އަދި އޭގެ މަހެއްހާ ދުވަސް ފަހުން އިވޭލުއޭޓް ކުރުމަށް ފަހު އިންވެސްޓް އިން ރައީސް އޮފީހަށް ޕްރޮޕޯޒަލް ފޮނުވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި މިކަމާ ގުޅިގެން އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ.
ސަރުކާރުން މިހާރު ވަނީ އެއްބަސްވުމަކާ ހިސާބަށް ދިއުމަށްޓަކައި އެންމެ ފަހުގެ ހުށަހެޅުންތައް ހުށަހެޅުމަށް އެ ކުންފުންޏަށް އަންގާފައިކަން އިހުސާން ވިސާޅުވި އެވެ.