Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

އަޒުހަރު ޔުނިވަސިޓީން ސްކޮލަޝިޕްތަކެއް

މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ރާއްޖެ އަށް ލިބުނު ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އަންޑަގްރެޖުއޭޓް ލެވެލް އަށް ކިޔެވުމަށް ލިބުނު ސްކޮލަޝިޕްތަކަށް ކުރިމަތިލާން ސްރީ ލަންކާގައި ހުންނަ މިސްރު އެމްބަސީން އަންގާފައިވާ ކަމަށެވެ. ނަމަވެސް ލިބުނު ސްކޮލަޝިޕްތަކެއް އަދަދެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 1 އާ ހަމައަށެވެ. އަދި މި ލިންކް https://service.azhar.eg/Services/ForeignStudentRegistration މެދުވެރިކޮށް ސްކޮލަޝިޕްތަކަށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އިތުރު މައުލޫމާތު މި ވެބްސައިޓް www.azhar.eg/splash.html އިން ލިބޭނެ އެވެ.

ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރަން މިނިސްޓްރީން އެދެ އެވެ.